އިންސާނީ ކަރާމާތް ޙިމާޔަތްކޮށް، ޢަދުލު އިންސާފު ކުރިއެރުވުމުގައި މިނިވަން ނޫސްވެރިކަން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި މިއަހަރުގެ ޝިޢާރުކަމުގައިވާ "ރިޕޯޓިންގ އިން ދަ ބްރޭވް ނިއު ވޯލްޑް: ދަ އިމްޕެކްޓް އޮފް އާޓިފިޝަލް އިންޓެލިޖެންސް އޮން ޕްރެސް ފްރީޑަމް އެންޑް ދަ މީޑިއާ" މި ޝިޢާރަށްވަނީ އަލިއަޅުއްވާލައްވަވާފައެވެ.
އެގޮތުން ޒިންމާދާރުކަމާއެކު ބޭނުންކުރެވޭނަމަ އާޓިފިޝަލް އިންޓެލިޖެންސް، ނުވަތަ އޭއައިއަކީ ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ވަޞީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭއައި ނުރަނގަޅު ގޮތުގައި ބޭނުންކުރެވޭނަމަ އޭގެން އެ މުޖުތަމަޢުއެއްގެ ތެރޭގައި ފިތުނަ ފަސާދައާއި ދޮގު މަޢޫލޫމާތު ފެތުރުމުގެ ފުރުޞަތުވެސް އިތުރުވެގެންދާކަމަށާއި، އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފާ، އަދި ކުރިއަރުވާ ބަޔަކަށްވުމަށް މަސައްކަތްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މިނިވަން ޒިންމާދާރު ނޫސްވެރިކަމަކަށް ޖާގަދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ކުރިއަށްދާނެކަމަށެވެ.
ރައީސްގެ ޕޯސްޓުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞައްޙަ އަދި އިތުބާރުހުރި ގޮތެއްގައި މަޢުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ހިތްވަރަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި ޑިމޮކްރެޓިކް މުޖުތަމަޢުތަކުގެ ކުރިއެރުމާއި ދުޅަހެޔޮކަން ކަށަވަރުކޮށް، އިންސާނީ ކަރާމާތް ޙިމާޔަތްކޮށް، ޢަދުލު އިންސާފު ކުރިއެރުވުމުގައި، ނޫސްވެރިން އަދާކުރާ ދައުރަކީވެސް މުހިންމު ދައުރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.