ވައުދުވެވަޑައިގަންނަވަނީ ވައުދު ފުއްދަން ކަމަށާއި އެހެންކަމުން ށ. މިލަންދޫގައި އަޅައިދެއްވާނެ ކަމަށް ވިދާޅުވި އެއަރޕޯޓް އަޅައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ގާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. މިލަންދޫއަށް ވަޑައިގެން ވިދާޅުވީ މިލަންދޫގެ ރައްޔިތުން އެދިފައިވަނީ އެންމެ ކަމަކަށް ކަމަށެވެ. އެއީ އެއަރޕޯޓުގެ ވާހަކަ ކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެކަން ކޮށްދެއްވާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކެމްޕެއިންގައި އެރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވީ އެތައްކަމެއް ހަދުމަފުޅު ހުންނެވި ކަމަށެވެ. އަދި އެ ރަށުގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި އެކަން އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ހޮސްޕިޓަލްއާއި، މަގުތަކާއި، އަދި ގެދިރުވެރިކަމުގެ ކަންކަމާއި އެއީ މުހިންމު ކަންކަން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހައުސިންގެ ކަންކަމަކީ ރާއްޖޭގައި އެންމެ މުހިންމު އެއްކަން ކަމަށާއި އާބާދީ ބައިބޯކޮށް އޮތް ހުރިހާ ރަށެއްގައި ޖުމްލަކޮށް މުޅިރާއްޖައަށްވެސް އެންމެ މުހިންމު އެއްކަންތައް ކަމަށެވެ. އެހެންކަމުން މިހާރު ކުރައްވާ މަސައްކަތަކީ އެކަންކަން ކުރުމަށް މަގުފަހު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.