އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން ލިބުނު މޮޅަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު މޮޅެއް ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއާ ވާދަކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރެސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށެވެ. އަދި އެމަނިކުފާނާ ވާދަކުރެއްވި މީކާއިލަށް ވެސް ނަޝީދު ވަނީ މަރުހަބާ ދަންނަވާފަ އެވެ.
މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިފައިވެ އެވެ. ޖުމްލަ 241 ވޯޓު ފޮށި ބަހައްޓައިގެން ކުރިއަށްގެންދިޔަ މި އިންތިހާބުގައި ގިނަ ރަށްރަށުން ވެސް ކުރި ހޯއްދެވީ ނަޝީދެވެ. އަދި މަދު ރަށްތަކަކުން މީކާއިލް ކުރި ހޯއްދެވިއިރު، ސިޓީތަކަށް ބެލި ނަމަވެސް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައި ވަނީ ނަޝީދެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިންތިޚާބުގެ ކަންކަން ނިމެންދެން މިވަގުތު އެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ.








