އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންފި އެވެ.
ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއާ ވާދަކޮށެވެ. އެގޮތުން މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ނަތީޖައަށް ބަލާއިރު ނަޝީދު އުޅުއްވަނީ ބޮޑު ތަފާތަކުން ކުރީގަ އެވެ.
އެގޮތުން މިހާތަނަށް 130 ފޮށީގެ ނަތީޖާ ލިބިފައިވާއިރު ނަޝީދަށް 8،661 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. މީކާއީލްއަށް ލިބިފައިވަނީ 4،158 ވޯޓެވެ. މި އިންތިހާބުގައި ބެހެއްޓީ 241 ވޯޓު ފޮށްޓެވެ.
މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިފައިވެ އެވެ.
"ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދު މި ކެމްޕެއިން ކުރިއަށް ގެންދެވިއިރު، އެމަނިކުފާނުގެ ފަހަތުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.
މީކާއިލްއާ އެކުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.








