ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެޗްޑީސީން އިމާރާތް ކޮށްފައިވާ ވަގުތީ މަސް މާރުކޭޓް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އެޗްޑީސީން އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން އިމާރާތް ކޮށްފައިވާ ވަގުތީ މަސް މާރުކޭޓް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނީ މިމަހުގެ ތިން ވަނަ ދުވަހުގެ 9:30 އާއި 11:00 އާ ދެމެދުއެވެ. ގުރުއަތު ނެގުން އޮންނާނީ ހަމަ އެ ދުވަހުގެ 11:30 ގައި އުމަރު ޒާހިރު އޮފީސް ބިލްޑިންގެ 6 ވަނަ ފަންގިފިލާގައި ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
އޭގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވަގުތީ މާރުކޭޓުގެ ގޮޅިތައްވެސް ކުއްޔަށް ހިފަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މާރުކޭޓު ގޮޅި ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނީ މިމަހުގެ ހަ ވަނަ ދުވަހުގެ 9:30 އާއި 11:00އާ ދެމެދު އެވެ. ބީލަން ހުޅުވާލުން އޮންނާނީ އެ ދުވަހުގެ 11:00އާ ހަމައަށް ދޫކުރާ ނަމްބަރުތަކަށް ފޯމު ބަލައިގަތުމަށްފަހުއެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ވެބްސައިޓް http://www.hdc.mv ނުވަތަ http://properties.hdc.mv އިން ލިބެން ހުންނާނެއެވެ. އަދި އެ ކޯޕަރެޝަންގެ ނަންބަރ 1516 އަށް ގުޅައިގެންވެސް މައުލޫމާތު ހޯދޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.