މި އަހަރުގެ ރަަމަޟާން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް އާއްމުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ފެށިގެން ހަވީރު 16:30 އަށް ކަމަށެވެ. އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށެވެ.
އެހެން ނަމަވެސް، މި މުއްދަތުގައި ހަވީރު 16:30 އިން ފެށިގެން 20:00 އަށް އަދި ހެނދުނު 6:00 އިން 9:30 އާއި ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އިއުލާނުގައި ބުނެފައިވަނީ ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ ހަތްވަނަ ދުވާހައި ހަމައަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހާވިރު 16:30 އަށް ކަމަށެވެ. އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް ކަމަށެވެ.
އެ މުއްދަތުގައި ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ވާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
އެ އެންގުމާއި ހިލާފުވާނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް މިނިސްޓްރީއިން ބުނެފައި ވެއެެވެ.