ގްރޭޓާ މާލެ ސަހަރައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖުގެ ސައްހަކަން ކަށަވަރުކުރަމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ގަރާޖުގެ ވެރިފަރާތަށް އެނގުމަކާއި ނުލައި އެ ގަރާޖުތަކުގައި އުޅަނދު ރަޖިސްޓްރީ ކުރަމުންގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެހެންކަމުން މިކަން ހައްލު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުން ކަމަށް ބަޔާންކޮށްފައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުޙަލާތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާކަމުގެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.