ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތޫޅާދޫ ދާއިރާގެ މެމްބަރު ހުށަހަޅާފައިވާ ނަފުރަތުގެ ބިލާއި ގުޅޭ އެއްވެސް މަޝްވަރާއެއް އެއްވެސް ސިފައެއްގައި ކޮށްފައި ނުވާކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުން މިހެން ބުނެފައިވަނީ އެ ބިލު މަޖިލީހަށް ފޮނުވީ އަދާލަތު ޕާޓީ ހިމެނޭހެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް، އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެފައިވާތީ އެވެ. ދޮންބިލެއް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ފޮނުވަނީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓިއާއި އަދާލަތުގެ އިތުރުން އެމްއާރުއެމްއާއެކުވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މިވާހަކަތަކަށް ރައްދު ދެއްވަމުން އަދާލަތުން ބުނީ އެބިލާއި ގުޅިގެން އެއްވެސް ސިފައެއްގައި އެޕާޓީއާއެކު ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.
ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކޮށް ލާދީނީ ގޮވުމާއި ކާފަރު ކުރުމަކީ ނަފްރަތު އުފެއްދުންކަމުގައި ކަނޑައަޅައި އެކަން ޖިނާއީ ކުށަކަށް ހަދަން މެމްބަރު ހިސާން ހުށަހެޅުއްވި ބިލަށް އަދާލަތު ޕާޓީން ވަނީ ދެކޮޅު ހަދައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އެބިލާއި ދެކޮޅުކަން ހާމަ ކުރައްވައިފަ އެވެ.
ބިިލަށް ބަހުސް ކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ މަޖިލިސް ޖަލްސާގައި ދޮންބިލެއް ވިދާޅުވީ ބިލު މަޖިލީހަށް ބަލައިނުގަނެ އުޅެނިކޮށް ކޯލިޝަން ޕާޓީތަކުން އެކަމަށް ދެކޮޅު ހެދުމަކީ ރޫހާއި ހިލާފު ކަމެއް ކަމަށެވެ. ވަރަށް ބޮޑަށް ފާޑުވިދާޅުވެ އޭނާ ވަނީ ކޯލިޝަނުން އެޕާޓީތައް ވަކި ކުރުމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައިފަ އެވެ.
ދޮންބިލެއް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި އެ ބިލާއި ގުޅިގެން ދައްކަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެވެ. އެގޮތުން މީހަކު އިސްލާމް ދީނާ ހިލާފު ކަމެއް ކުރުމުން އެކަމަށް ފާޑު ކިޔޭނެ ކަމަށާއި، ލާދީނީއޭވެސް ގޮވޭނެ ކަމަށެވެ. އެހެންނަމަވެސް ބަޔަކު ބޭނުންވާ ކޮންމެ ފަހަރަކު މީހުން ކާފަރު ކުރުމާއި އާންމު ތަންތަނުގައި އެ މީހަކާއިމެދު ނަފުރަތު އުފެއްދުމުގެ ފުރުސަތު ދެވުމަކީ ދީނާއި ހިލާފު ކަމެއް ކަމަށާއި ހުއްޓުވަނީ އެކަންކަން ކަމަށް ވިދާޅުވި އެވެ.
ބިލު މަޖިލީހަށް ތައާރަފުކޮށްދެއްވަމުން މެމްބަރު ހިސާން ވިދާޅުވީ މީހެއްގެ ހިތުގައި އޮންނަ ނިޔަތް ނޭނގި ކާފަރު ކުރުމަކީ ދީނާ ހިލާފު ކަމެއް ކަަމަށެވެ. އެހެންނަމަވެސް އިސްލާމް ދީނާއި ހިލާފު ވާހަކަ ދެއްކުމާއި ދީނަށް ފުރައްސާރަ ކުރުމަކީ މީގެ ކުރިންވެސް ގާނޫނީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން އެފަދަ ވާހަކަތަކަށް ޖާގަ ނުދެވޭނެ ކަމަށެވެ. އަދި ގާނޫނުގައި ކުށްތައް ކަނޑައަޅާފައި އޮއްވައި ރައްޔިތުންނަށް އެކަން ކުރުމުގެ ބާރު ދޫކޮށްލުމަކީ މުޖުތަމައު ހަލާކުވާނެ ކަމެއްކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާންގެ ބިލު މަޖިލީހަށް ބަލައިގަނެ އިއްޔެ ބަހުސް ކުރިއަށް ގެންދިޔައިރު އިދިކޮޅުގެ މެމްބަރުންނާއި އަމިއްލަ މެމްބަރުންގެ އިތުރުން އެމްޑީޕީގެ ހަތަރު މެމްބަރަކުވެސް ވަނީ ބިލާއި ދެކޮޅު ހައްދަވައިފަ އެވެ.