އަންނަ މަހުގެ 21 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފި އެވެ.
އޭސީސީން ބުނީ މަޖިލިސް އިންތިހާބާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން އަށް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ކެމްޕޭނު ހަރަކާތްތައް ހިންގުމުގައި ބޭނުންކުރުމާއި، ރިޝްވަތާއި ގުޅުންހުރި މައްސަލައާއި، އަދި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭގޮތަށް ކެމްޕޭންކުރުން ފަދަ މައްސަލަތައް ހިމެނޭކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އޭސީސީއިން ވަނީ އިންތިހާބާ ގުޅޭ ޝަކުވާތަކަށް ހާއްސަކޮށް ޕޯޓަލެއް ގާއިމްކޮށްފަ އެވެ. މިހާތަނަށް 10 ޝަކުވާއެއް ލިބިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ ޕޯޓަލް މެދުވެރިކޮށް އޭސީސީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެ އެވެ.
މި އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެ އެވެ.
މަޖިލީހުގެ އިންތިހާބު ބާއްވަން އަންނަ މަހުގެ 21 ވަނަ ދުވަސް އަދި 22 ވަނަ ދުވަހު ސަރުކާރު ބަންދުވާނެއެވެ. ވޯޓުލުން ކުރިއަށްދާނީ 21 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގަ އެވެ.
ދާއިމީ ނަތިއްޖާ އިއުލާން ކުރާނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.