އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ދޭން އިންވެސްޓްމެންޓު ޕޮލިސީ އިސްލާހު ކުރުމާއިއެކު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އެކަން ބަދަލުކޮށް ގެޒެޓްކޮށްފި އެވެ.
މީގެ ދެދުވަސް ކުރިން ޕޮލިސީ އިސްލާހު ކުރިއިރު އޮތީ ސާވިސާސް އިންސިޑެންޓަލް ޓު އެއާ ޓްރާންސްޕޯޓޭޝަންގެ ދަށުން އެއާޕޯޓުތައް އޮޕަރޭޓްކޮށް ހިންގުމުގެ އިތުރުން "އެއާޕޯޓް އެންޑް އެއާ ޓްރެފިކް ކޮންޓްރޯލް އެކްޓިވިޓީސް" ގެ މަސައްކަތް ވެސް 100 އިންސައްތަ ބިދޭސީ ކުންފުނިތަކަށް ކުރެވޭ ގޮތަށެވެ. މިކަމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއިއެކު ބޭރުގެ ފަރާތްތަކަށް އެއާ ޓްރެފިކް ކޮންޓްރޯލް ކުރަން ދިނުމުގެ ވިސްނުން ސަރުކާރުގެ ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.
އަދި ފަތުރަމުންދާ މައުލޫމާތުތައް ވަނީ ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށާއި އެއޮޅުންތައް ފިލުވައިލުމަށް އިބާރާތް ބަދަލުކޮށް ޕޮލިސީ އަލުން ގެޒެޓް ކުރާނެ ކަމަށް ފައްޔާޒު އިއްޔެ ވިދާޅުވި އެވެ.
ރޭ ވަނީ ޕޮލިސީ އަލުން ގެޒެޓްކޮށްފަ އެވެ. މިހާރު ޕޮލިސީގައި ބުނެފައިވަނީ 100 އިންސައްތަ ބޭރު ކުންފުނިތަކަށް އެއާ ޓްރާންސްޕޯޓްގެ ހިދުމަތްތައް ދެވޭނެ ކަމަށާއި ނަމަވެސް، އޭގެން ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އުނިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެއާ ޓްރެފިކް ސާވިސް ކޮންޓްރޯލް، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ފަދަ ހިދުމަތްތަކެވެ.
ފައްޔާޒު އިއްޔެ ވިދާޅުވި ގޮތުގައި އެއާޕޯޓުތައް ބޭރުގެ ކުންފުނިތަކަށް ހިންގޭގޮތަށް މީގެ ކުރިންވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކޫއްޑޫ އެއާޕޯޓާއި މާފަރު އެއާޕޯޓު ހިންގަން ބޭރުގެ ކުންފުނިތަކަށް ކުރީ ސަރުކާރުން ހަވާލު ކުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރީޖަނަލް އެއާޕޯޓު ހިންގަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅަކަށް ދެއްވަން އުޅުއްވާތޯ އަދި ނުދެއްވާނަމަ އެކަމުގެ ޔަގީންތަން ދެއްވަފާނަންތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ކޯފާ އިސްކުރައްވައި ވިދާޅުވީ "ﷲ ގަންދީ ހުވާކޮށް" އެއާޕޯޓުތައް އިންޑިއާއަށް ވިއްކައިލަން ނޫޅޭ ކަމަށެވެ.