ކޮވިޑް-19 އާއި ގުޅިގެން ފްރާންސްގައި މާސްކް އެޅުން މަޖުބޫރުކުރި ކުރުން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށް އެގައުމުގެ ޕްރައިމް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
މާސްކް އެޅުން މަޖުބޫރުކުރުން ހުއްޓުމަކަށް ގެންނެވިކަން އިއުލާން ކުރައްވައި ފްރާންސްގެ ޕްރައިމް މިނިސްޓަރ ޖީން ކަސްޓިކްސް ވިދާޅުވީ އެގޮތަށް ނިންމެވީ އެގައުމުގައި ކޮވިޑް ކޭސްތައް މަދުވުމުން ކަމަށެވެ.
އެގޮތުން މިހާރު ދުވާލަކު އެ ގައުމުން ރިޕޯޓުކުރަނީ ގާތްްގަނޑަކަށް 3،900 އެއްހާ ކޭސްތައް ކަމަށް ވިދާޅުވިއެވެ. އެއީ އެގައުމުގެ ކޮންމެ އެއްލައްކަ މީހެއްގެ ތެރެއިން ގާތްގަނޑަކަށް ފަންސާސް މީހެކެވެ.
ފްރާންސްގައި އެންމެ ބޮޑަށް ކޮވިޑް ފެތުރުނީ މާޗް އަދި އެޕްރީލް މަހުގެ ތެރޭގައެވެ. އޭރު ގާތްގަނޑަކަށް 35،000 އެއްހާ މީހުން ބަލި ޖެހެއެވެ.
އެގައުމުގެ އާބާދީގެ 58 ޕަސެންޓު މީހުންނަށް ކޮވިޑުގެ ފުރަތަމަ ޑޯޒު ވަނީ ދީފަ އެވެ.
މާސްކް އެޅުން ހުއްޓުމަކަށް ގެނައުމުގެ ލުޔާއެކު އާދީއްތަ ދުވަހު އެގައުމުގައި ރޭގަނޑު ބޭރަށް ނިކުތުން މަނާކުރުން ވެސް ނިމުމަކަށް ގެންނާނެ ކަމަށް ޕްރައިމް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.