ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް ވަޑައިގަންފިއެވެ.
ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މިރޭ ވަނީ ފ. ނިލަންދޫއަށް ވަޑައިގެންފައެވެ. ބޯކޮށް ވާރޭ ވެހުނު ނަމަވެސް އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ ރައީސަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނިލަންދޫގެ އިތުރުން ދަރަނބޫދޫ، ބިލެއްދޫ އަދި ފީއަލި އަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި އެ އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.