އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ގަޑި އިރުއޮއްސި 5:30 އާ ހަމައަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ދެންމެ ނިންމައިފިއެވެ.
އީސީން ކުރިން ނިންމާފައި އޮތީ، ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާ ގޮތަށެވެ.
ނަމަވެސް މި ދުވަސްވަރަކީ ބައެއް ރަށްރަށަށް ވިއްސާރަ ވެދާނެކަމަށް ބަލައި ވޯޓުލާ މީހުންނަށް ފުރުސަތު ދިނުުމުގެ ގޮތުން 5:30 އާ ހަމައަށް ވޯޓުލާ ގަޑި އިތުރުކުރަން އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އެގޮތަށް ނިންމީ ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެ ނިންމުން ނިންމީ އިއްޔެ ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުންނާއި މިނިވަން މުއައްސަސާތަކުގެ ހުށަހެޅި ހިޔާލުތަކަށް ފަހުއެވެ. މި އައި ބަދަލާއެކު ވޯޓު ގުނަން ފަށާނީ 6:00 ގައެވެ.
މަޖިލީސް އިންތިހާބުގައި ވޯޓުލާން ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް އީސީން ވަނީ ފަށާފައެވެ. އިންތިހާބުގައި 602 ވޯޓުފޮށި ބަހައްޓަން ވަނީ ނިންމާފައެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 241 ވޯޓު ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓެވެ. ރާއްޖޭން ބޭރުގެ ތިން ގައުމެއްގައި ވޯޓު ފޮށި ބަހައްޓާއިރު ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ.
މި އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެއެވެ. ނަމަވެސް ބައެއް ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވަނީ އެހެން ކެންޑިޑޭޓުންނަށް ތާއިދުކޮށްފައެވެ. އެކަމަކު އެ ކެންޑިޑޭޓުންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެއެވެ.