މިދިޔަ އަހަރުތަކުގެ ތެރޭގައި އުންމީދު ކުރަމުން އައިވަރުގެ ހެޔޮ ބަދަލުތަކެއް މި ގައުމަށް އައިސްފައިނުވާ ކަމަށާއި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ނޫނީ މި ސަރުކާރަކުން ވަގުތު ހޭދަކޮށްނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީގައި ދިރިއުޅޭ އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުމަށް ހިރިޔާ ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ހަމައެކަނި ފޯކަސްއަކީ ނަތީޖާ ނެރެދިނުން ކަމަށެވެ.
އެގޮތުން ކުރިއަށް މަޖިލިސް އިންތިޚާބުގައި މިއީ ނަތީޖާ ނެރެދޭން ބޭނުންވާ ސަރުކާރަކަށް މަޖިލީހުން އެއްބާރުލުން ދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުގެ ފޯކަސްގައި އޮތީ ނަތީޖާ އެކަނި އެ ނޫން އެހެން އެއްވެސް ކަމެއް ނެތް.އެހެންވީމާ ނަތީޖާ ނޫންތޯ ރައްޔިތުން ބޭނުންވަނީ.
ރައީސަށް އެއްބާރުލުން ދެއްވައިގެން ސަރުކާރު ކެންޑީޑޭޓުންނަށް އެއްބާރުލުން ދެއްވައިފިނަމަ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަދަލު ހިފުމުގެ ވިސްނުމުގައި ތިބި ބަޔަކަށް މަޖިލިސް ދިނުމުގެ ވިސްނުން ރައްޔިތުން ގެންގުޅެގެން ނުވާނެ ކަމަށެވެ. ބަދަލު ހިފުން ހުއްޓުވުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ތެދުވެރިކަމާއި އިހުލާސްތެރި ވިސްނުމުގައި މަސައްކަތް ކުރާ ކެނޑިޑޭޓުން ހޮވައިދީގެން ކަމަށެވެ. އެއީ ސަރުކާރުގެ ކެނޑިޑޭޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ކެންޑިޑޭޓުން ނުކުންނަނީ 89 ދާއިރާއަކަށެވެ.