ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ނަފުރަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރަމުން ގެންދާއިރު މި ބިލާއި ގުޅޭގޮތުން އާންމުންގެ އެއްވެސް ހިޔާލެއް ވާނަމަ އެކަމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފުރުސަތު ހުޅުވައިލީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށެވެ.
ހިޔާލު ފޮނުވަން އެދިފައިވަނީ ޖުޑިޝަރީ ކޮމިޓީއަށް އެޑްރެސްކޮށެވެ. މަޖިލީހުގެ އިދާރާއަށް ހިޔާލު ހުށަހެޅުމުގެ އިތުރުން [email protected] އަށް މެއިލްގެ ޒަރިއްޔާއިންވެސް ހިޔާލު ހުށަހެޅޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.
ހިސާންގެ ބިލުގައި މީހުންގެ މެދުގައި ނަފުރަތު އުފެއްދުން ހުއްޓުވުން ޖިނާއީ ކުށެއްގެ ގޮތުގައި ހިމަނާފައިވާއިރު މީގެ ކުރިން ބޭއްވި ޖުޑިޝަރީ ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވެފައިވަނީ އެ ބިލަކީ "ކުޑަ" ބިލެއް ކަމަށާއި އެހެންކަމުން ފުޅާކޮށް ހިޔާލު ހޯދަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީއާއި، އެޗްއާރުސީއެމްގެ އިތުރުން ބަންޑާރަ ނައިބުގެ ހިޔާލެއް ބިލާއިމެދު ހޯދަން އިމްތިޔާޒް ހުށަހެޅުއްވި އެވެ. އެމުއައްސަސާތަކުން ޖަވާބުދިނުމަށް ކޮމިޓީން ދޭން ނިންމީ ފަސް ދުވަހުގެ މުއްދަތެކެވެ.
ހިސާންގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވަކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ނަމަވެސް ކޮމިޓީ ބައްދަލުވުމުން އެނގިގެން ދިޔައީ ބިލު ހުށަހެޅުމުގެ ކުރިން އިސްލާމިކް މިނިސްޓްރީއާވެސް މަޝްވަރާ ކޮށްފައި ނުވާކަމެވެ.
މީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްއާއިއެކުވެސް މަޝްވަރާ ކުރިއަށް ގެންދިޔަކަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވި ނަމަވެސް އެކަން ކޯލިޝަން ޕާޓީތަކުން ދޮގު ކުރެ އެވެ. ބިލާއި ގުޅޭ އެއްވެސް މަޝްވަރާއެއް އެއްވެސް ސިފައެއްގައި ކުރިއަށް ގެންގޮސްފައި ނުވާކަމަށް އަދާލަތު ޕާޓީގެ އިތުރުން ޖޭޕީންވެސް ވަނީ ބުނެފަ އެވެ.
ހިސާންގެ ބިލުގައި ވަނީ މީހަކު މުސްލިމެއްގެ ގޮތުގައި ހުރެ ކުރާ ކަމަކުން ނުވަތަ ބުނާ ބަހަކުން އެމީހަކީ ކާފަރެއް ކަމަށް ކަނޑައަޅައި އެފަދަ ގޮތަކަށް އާންމުތަނެއްގައި ވާހަކަ ދެއްކުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައިފަ އެވެ. އަދި މުސްލިމަކު ކާފަރު ކުރާކަން ދޭހަވާފަދަ ގޮތަކަށް ވާހަކަ ދެއްކުންވެސް އެބިލުގައި މަނާކުރެ އެވެ. މިކަމުގެ ސަބަބުން އިސްލާމް ދީނުގެ ހައްގުގައި އިލްމުވެރިންނަށް ބަސް ބުނުމަށް ހުރަސް އެޅިގެން ދާކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ. ޖަމިއްޔަތުއް ސަލަފުގެ އިތުރުން ފަތުވާ ކޮމިޓީންވެސް ވަނީ މި ބިލާއި ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ.