މިހާތަނަށް އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގެންނެވި ދެ ސިޔާސީ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ނުލިބި ނާކާމިޔާބީއާ ކުރިމަތިލާންޖެހިވަޑައިގެންފި އެވެ.
އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންއެފްގެ ފަރާތުން އެއްވެސް ކެންޑިޑޭޓަކު ވާދަކޮށްފައި ނުވި ނަމަވެސް، އެ ޕާޓީންވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުން އެންޑޯޒް ކޮށްފައެވެ. އެ ކެންޑިޑޭޓުން ކެންޕެއިން ކުރީވެސް ޔާމީނުގެ ފޮޓޯފުޅު ބޭނުންކުރައްވައިގެންނެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކެންޑިޑޭޓަކަށް މަޖިލިސް ގޮނޑި ކާމިޔާބު ކުރެވޭ މިންވަރަށް ތާއީދެއް ނުލިބުނެވެ.
ނަޝީދު ވަނީ މަޖިލިސް އިންތިޚާބަށް ދެދުވަހަށް ވެފައިވަނިކޮށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ކެންޕެއިންވެސް ކުރައްވާފަ އެވެ.
އެ ޕާޓީން މަޖިލީހުގެ 39 ދާއިރާއަށް ވާދަ ކުރި ނަމަވެސް އެއްވެސް ގޮނޑިއެއް ކާމިޔާބުކުރެވޭ ވަރަށް ވެސް އެ ޕާޓީއަށް ތާއީދު ލިބިފައެއް ނުވެއެވެ.