އައްޑޫ ސިޓީގައި އަންހަކު ބަންދުކޮށް އޭނާގެ އާއިލާއިން ވަރަށް އަނިޔާވެރިކޮށް ކަން ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އައްޑޫ ސިޓީ މަރަދޫގަ އެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ އައްޑޫގައި އަންހެނަކު ބޭރަށް ނުދެވޭގޮތަށް ގޭގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަމަށެވެ. ފުލުހުން އެމައްސަލަ ބަލަމުން ދަނީ ޖެންޑާ މިނިސްޓްރީއާއި ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި މަރަދޫގައި ދިރިއުޅޭ މީހަކު އާންމުކޮށްފައިވާ ލިޔުމެއްގައި ވާގޮތުން ބަންދުކޮށްގެން ގެންގުޅެން ފެށީ އެ އަންހެން މީހާ، މީހަކާ އިންނަންކަމަށް ބުނެ އާއިލާއަށް ފިލައިގެން 2016 ވަނަ އަހަރު މާލެއަށް އައިސް ހުއްޓާ ރަށަށް ގެންގޮހެވެ. ބަންދުކޮށްގެން ގެންގުޅޭ ގޭގައި ސެކިއުރިޓީ ކެމެރާ ހަރުކޮށް ތަޅުވެސް އިލެކްޓްރޯނިކް ކޮށްފައިވާކަމަށް ވަނީ ލިޔެފަ އެވެ.
އެ އަންހެން މީހާ އިންނަން މާލެ އައިސް ހުއްޓާ ފުލުހުންގެ އެހީގައި އަނބުރާ ރަށަށް ގެންދިޔައީ ސީރިޔާ ހަނގުރާމައަށް ދާން އުޅޭކަމަށް ބުނެ ކަމަށް ލިޔެފައި ވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި ވަނީ ބަންދުކޮށްގެން ގެންގުޅޭ އަންހެން މީހާގެ އާއިލާގެ ނުފޫޒު ފުލުހުންނަށް އޮންނަކަމަށްވެސް ތުހުމަތު ކޮށްފަ އެވެ.
ހިއްސާކުރި އެ ލިޔުމަކީ ބަންދުކޮށްގެން ގެންގުޅޭ އަންހެން މީހާގެ ލިޔުމެއްކަމަށް ބެލެވެ އެވެ. އެލިޔުމުގައި ވަނީ އާއިލާއިން އަނިޔާ ކުރާކަމަށްވެސް ތުހުމަތުކޮށްފަ އެވެ.
"އަހަރެންނަށް ހިމާޔަތަކަށް ވާން ޖެހޭ އަހަރެންގެ މަންމަ އެއް ފަހަރަކު އަހަރެންގެ ގައިގައި ތަޅައި ޖިސްމާނީގޮތުން އަނިޔާކުރި. އެމީހުން ވާހަކަ ދައްކާ އަޑު އިވުނަސް އަހަރެންނަށް ޕެނިކް އެޓޭކް އާދޭ" ލިޔުމުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައިވާ ކަމަށާއި އަމިއްލައަށް މަރުވަން ވިސްނާ ހިސާބަށް ކަންކަން ގޯސްވެފައިވާކަމަށް ވަނީ ބުނެފަ އެވެ. މިވާހަކަތަކާއި ގުޅިގެން ފުލުހުން މައްސަލަ ބަލަމުން އަންނައިރު ރަސްމީކޮށް މިވާހަކަތަކުގެ ސައްހަކަން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ބަންދުކޮށްގެން ގެންގުޅޭ މީހާގެ އުމުރަކީ ކިހާވަރެއްކަމެއް އަދި ސާފެއް ނުވެ އެވެ. އެހެންނަމަވެސް އޭނާއަކީ 18 އަހަރު ފުރިފައިވާ މީހެއްކަމަށް މައުލޫމާތު ލިބެ އެވެ.