ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ 25 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީީ)ގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މުއާޒު ވިދާޅުވީ، އެ މަޝްރޫއުތަކުގެ ތެރެއިން 25 މަޝްރޫއެއްގައި ގޯސްކޮށް ކަންތައް ހިންގާފައިވާ ކަމަށް ފާހަގަކުރެވި އެ މަޝްރޫއުތަކުގެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ކުރީގެ މެނޭޖްމަންޓުން ކުންފުނީގެ ބޯޑުގެ ހުއްދަ ނެތި 60 މަޝްރޫއެއް ފަށާފައިވާތީ އެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށެވެ.
މުއާޒު ވިދާޅުވީ، އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެސްޓިމޭޓް ހެދުމަކާ ނުލައި، މާކެޓްތަކުގައި ހުރި އަގަށްވުރެ 50 ޕަސެންޓް ބޮޑު އަގުގައި ތަކެތި ގަނެފައިވާ މައްސަލަތައް ވެސް ހުށައަޅާފައިވާ ކަމަށެވެ.
މުއާޒު ވިދާޅުވީ އެކި މައްސަލަަތަކުގައި އެކި މިންވަރަށް އެކި ފަރާތްތައް ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.