ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެގޮތަށް ރޯދަމަހުގެ ފެނުގެ ބިލުތަކުން ޖުމުލަ 25 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށާއި އެ ޑިސްކައުންޓް ދިނީ އެވްރެޖް ބިލަކަށްވާ ވަރަށް އެ މިންގަނޑަށް ނުފެތޭ ބިލުތަކުންވެސް 10 ޕަސެންޓުގެ ޑިސްކައުންޓް ދީގެން ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ފެނަކައިން ބިލްކުރަނީ މަހުގެ 25 އިން އަނެއް މަހުގެ 24 އަށް ކަން ފާހަގަކުރައްވާ މުއާޒް ވިދާޅުވީ ފުރަތަމަ ޑިސްކައުންޓް ދިން ބިލުގައި ހިމެނިފައިވާނީ ރޯދަމަހުގެ އެއްބައި ކަމަށާއި ރޯދަ މަސް ނޫން ދުވަސްތައްވެސް އެ ބިލުގައި ހިމެނޭނެ ކަމަށެވެ.
ބިލުގެ ޑިސްކައުންޓާއި ގުޅޭގޮތުން އޮޅުންތަކެއް އަރައި އެކި ގޮތްގޮތުން ވާހަކަތައް ދެކެވެމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގިނަ ދުވަސްތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި މުއާޒް ވިދާޅުވި ގޮތުގައި ޑިސްކައުންޓް ހަދާފައިވާނީ އެ ދުވަސްތަކާއެކު އެވަރެޖަށްވުރެ އިތުރުވި ބަޔަށެވެ.
މުއާޒު ވިދާޅުވީ ގޭބީސީތަކުގެ ކަރަންޓް ބިލް ބޮޑުވާ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ސްމާޓް މީޓަރު ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މުއާޒް ވިދާޅުވީ، ގޭބީސީތަކުގެ ކަރަންޓް ބިލް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން މިހާރު ސްމާރޓް މީޓަރ ތައާރަފްކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި ސްމާޓް މީޓަރާއެކު ކޮންމެ ދުވަހަކުވެސް ކަރަންޓް ހޭދަކުރެވޭ މިންވަރު އެނގި، ބިލް ކުޑަކުރުމަށް އެހީވެދޭނެކަމަށް މުއާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފެނަކައިގެ ފަރާތުން މިހާރު ސްމާރޓް މީޓަރ ޕްރޮޖެކްޓެއް ފަށައިގެން މިއުޅެނީ. މާނައަކީ ކޮންމެ ދުވަހަކު އެގެއިން ކޮންސިއުމް ކުރެވޭ ޔުނިޓްތަކުގެ އަދަދު އެއިރަށް ވަގުތުން ބެލެން ހުންނާނެ. މާނައަކީ މާދަމާ ނިމޭއިރުގައި މިހާރު ބިލަށް އަރާފައޮތް ވަރު އިނގޭނެއޭ. އެއިރަށް އިނގޭނެ އިތުރަށް ކޮންސިއުމް ކުރަން ނޫނިއްޔާ އިތުރަށް އިކޮނޮމައިޒްކުރަން މަގުފަހިވެގެންދާނެ އެބަޔަކު ބޭނުންވާ ލެވެލްއަކަށް ކަރަންޓު ބިލް ބަހައްޓަން. އެކަން އަޅުގަނޑުމެން މިދަނީ ކުރަމުން ފެނަކައިގެން ފަރާތުން މިހާރު ބައެއް ރަށްރަށުގައި ހަމަ އެއްކޮށް ސްމާރޓް މީޓަރ ޕްރޮޖެކްޓް ފަށައިގެން ކުރިއަށް މިދަނީ." މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ، ސްމާރޓް މީޓަރ ޕްރޮޖެކްޓް އެންމެ ފުރަތަމަ ފަށާނީ ދ.ކުޑަހުވަދޫގައިކަމަށެވެ. އަދި އެރަށުގައި މިހާރު މި ޕްރޮޖެކްޓް ފެށުމަށް ތައްޔާރުވެފައިވާކަންވެސް މުއާޒު ފާހަގަކުރެއްވިއެވެ.