ފަލަސްތީނުގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ފަލަސްތީނު ސަރުކާރުން ޝުކުރު އަދާކޮށްފި އެވެ.
އިއްޔެގައި ފަލަސްތީނު ސަރުކާރުގެ ރަސްމީ ޓްވިޓާ އެކައުންޓުން އެގައުމުން ވަނީ ރައީސް މުއިއްޒުގެ ޕޯސްޓަށް ރިއާޔަތްކޮށް ޝުކުރު އަދާކޮށްފަ އެވެ. ފަލަސްތީނާއިއެކު ބާއްވާ ގުޅުން ދިވެހިރާއްޖެއިން ރަސްމީ ސިފައެއްގައި ދައްކަމުންދާކަން ފަލަސްތީނު ސަރުކާރުން ވަނީ ފާހަަގަކޮށްފަ އެވެ.
“ފަލަސްތީނަށް ތިޔަބޭފުޅުންގެ އެއްބައިވަންތަކަމާއި ތާއީދު ދެއްކުމަށް ތިޔަބޭފުޅުންގެ ޕްލެޓްފޯމް ބޭނުންކުރެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން”
ރައީސް މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާ ބަލަން ދުނިޔެއިން އެއްވެސް ކަމެއް ނުކޮށް ހުރެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އިޒްރޭލުން ރަފާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އިޝާރާތްކުރައްވާފަ އެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން ގައްޒާގެ ދެކުނު ސަރަހައްދަށް އިންސާނީ އެހީ ވަނުން އިޒްރޭލުން ހުއްޓުވާފައި ވެއެވެ. އަދި އިޒްރޭލުގެ ވަޒަންވެރިން ދަނީ އެހީގެ ގާފިލާތަކަށް ހުރަސް އެޅުމުގެ ގޮތުން މަގުތަަކަށް ބޮޑެތި ހިލަތައްވެސް އަޅަމުން ނެވެ. އަދި މި ނޫންވެސް އެކިގޮތްގޮތުން އިޒްރޭލުގެ އާންމުން ދަނީ ގައްޒާއަށް އެހީ ފޯރުވުމުގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ނެވެ.
ރައީސް ވަނީ މިހާރު ގައްޒާގައި ފެންނަމުންދާ މަންޒަރުތަކަކީ މާޔޫސްކަމާއި މަރުގެ މަންޒަރުތަކެއްކަން ފާހަގަކުރައްވާފަ އެވެ. އިޒްރޭލު ސިފައިންގެ އަތްދަށުން ގައްޒާ ސުންނާފަތިވެފައިވާއިރު ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.