ރާއްޖޭއަށް މިހާރު ހުޅަނގު މޫސުމުގައި ކުރަމުންދާ ގަދަ ވިއްސާރައާއި ގުޅިގެން ރޭގަނޑު ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އެދެފި އެވެ.
ރާއްޖެއަށް މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ސަމާލުވުމަށް މެޓް އޮފީހުން ހުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އެ ގޮތުން އެ އިދާރާއިން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އަންނަ ހޯމަ ދުވަހާއި ހަމައަށް ވައިބާރުވެ ކަނޑު ގަދަވާނެ ކަމަށެވެ. ކަނޑުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތައްވެސް ދަތުރު ކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މާލެއަށްވެސް ގިނަ ދުވަސްތަކުގައި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެހެންނަމަވެސް މިދުވަސްވަރު ބޮޑަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ ދެކުނަށެވެ. އެގޮތުން މެޓް އޮފީހުން ވަނީ ފުވައްމުލަށް ސިޓީއިން ފެށިގެން އައްޑޫ ސިޓީގެ ސަރަހައްދަށް މިއަދު އޮރެންޖު ސަމާލުނެރެފައެވެ. ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އިއުލާން ކޮށްފައެވެ. މި އިއުލާންނުގައި ސަމާލުވުމަށް އެދިފައިވަނީ 15:00 އިން 19:00 އަށެވެ.