މިދިޔަ އަހަރުން ފެށިގެން މި ހިނގާ ޖޫން މަހުގެ 16 އާ ހަމައަށް 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ފުލުހުންގެ ފަރާތުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ބައިވެރިވެ ވަޑައިގެން ވިދާޅުވީ 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވޭ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.
ފައިސާ ނަގަމުން ދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމަށް ފުލުހުން ބުނެ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މިފަދަ މައްސަލަތައް އިތުރުވެފައިވާކަންވެސް ފުލުހުންނަށް ވަނީ ފާހަގަކުރެވިފަ އެވެ.
އޭގެ އިތުރުން، މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެންއައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަކަން ފާހަގަކުރެވޭ ކަމަށާ އެހެންނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައިކަން ރޭ ވިދާޅުވި އެވެ. އެގޮތުން ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައިވެސް މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު މިކަން ކުރަމުންދާކަމުގައިވެސް ފާހަގަ ކުރެއްވި އެވެ.
ޖަލުން ކޯލްތަކެއް ކުރާކަން ފާހަގަ ކުރައްވައި ވިދާޅުވީ އާންމުގޮތެއްގައި ޖަލުން އަންނަ އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމާއި އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގާފައި ހުންނަ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައާއި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގައި ފައިސާތައް އަނބުރާ ހޯދެނީވެސް މަދު މައްސަލަތަކެއްގައިކަން ފާހަގަކުރެއްވި އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅަމުންދާ މައްސަލަތައް މާފުށީ ޖަލުގެ އިތުރުން މިހާރު ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑު އަތޮޅުގައިވެސް އިތުރުވަމުންދާކަމަށް ވިދާޅުވި އެވެ. އަދި އެކަމުގައި ހަރަކާތްތެރިވަމުންދަނީ ޖަލުން މިނިވަން ވެފައިވާ މީހުންކަމަށާއި އެހެންކަމުން ކޮންމެ މީހަކުވިޔަސް ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާ އަދި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރި އެވެ.
މީގެ އިތުރުން ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތައް ހުށަހެޅެމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން، އެ މީހުން ފުރަތަމަ ފިހާރައަށްގޮސް ތަކެތީގެ އަގު ބަލައި އެނބުރިގޮސް ދެން އަލުން ފިހާރައަށްދަނީ އެ އަގުތައް ހިމަނައިގެން ސައްހަނޫން ސްލިޕް ތައްޔާރުކޮށްގެންކަމަށާއި ފިހާރައިން ތަކެތި ނެގުމަށްފަހު، މަކަރުވެރިޔާ ތައްޔާރުކޮށްގެންދިޔަ ސައްހަނޫން ސްލިޕް ފިހާރައިގެ ނަމްބަރަށް ވައިބަރކުރާކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމަށް ފިހާރަތަކުންވެސް ހާއްސަ ސަމާލުކަމެއްދިނުމަށާއި ތަކެތި ހަވާލުކުރުމުގެ ކުރިން އެ ފައިސާ ފިހާރައިގެ އެކައުންޓަށް ޖަމާވެފައިހުރިތޯ ޔަގީންކުރުމަށް އިލްތިމާސްކުރެއްވި އެވެ.