ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.
ރައީސް މިގޮތަށް ހުށަހެޅުއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރާއި އެ ގުރޫޕްގެ އިސް އެހެން މަގާމުތަކަށް ބޭފުޅުން ކަނޑައެޅުމުގެ މަޝްވަރާތަކަށް ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާއި، ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ޕީއެންސީ އަދި ޕީޕީއެމްގެ އިސްވެރިންނާ އެކު މިއަދު މުލިއާގޭގައި ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.
މި ދެ ބޭފުޅުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ 74 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ-މެޖޯރިޓީ ލިބިފައިވާ ޕީއެންސީގެ ދެ މެމްބަރުންނެވެ.
އަބްދުއްރަހީމަކީ ފާއިތުވި 5 އަހަރު ޕީއެންސީ/ޕީޕީއެމް ކޯލިޝަން ހިންގެވުމުގައި އެެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ. ޕީއެންސީގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމަކީ، އޭރު އެކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމުން ވަގުތީ ގޮތުން ޕާޓީއާ ހަވާލުވެވަޑައިގެން ހުންނެވި ލީޑަރެވެ.
ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ މަތީ މަގާމުތަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަޖިލީހުގައި ވެސް އޭނާ ތަމްސީލުކުރެއްވީ ދިއްގަރު ދާއިރާ އެވެ.