އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ސަބަބު ދެނެގަތުމަށް ހަދާ ދިރާސާއަށް ޢާންމުންގެ ޚިޔާލު ހުށައެޅުމަށް އެ ޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބު ވީގޮތް ދެނެގަތުމަށް ދިރާސާކުރާ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ. އަދި މި ކޮމިޓީއަށް މަޢުލޫމާތާއި ޚިޔާލު ހުށައަޅަން ބޭނުންވާ މީހުން އެމްޑީޕީގެ މެއިލް feedback@mdp.org.mvއަށް ޚިޔާލާއި މަޢުލޫމާތު ހުށައެޅޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢިލް މީގެ ކުރިން ވިދާޅުވެފައިވަނީ ޕާޓީގެ ކުރިމަގު ބައްޓަންކުރާނެ ގޮތް އެނގޭނީ ދިރާސާއަށްފަހު ކަމަށެވެ.