އެހެން ގައުމުތަކުގެ ދަރިވަރުންނަށް ރާއްޖޭގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލުމަށް ގަސްދުކުރާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނީ މިއަދު އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެމުން މިނިސްޓްރީން ވިދާޅުވީ މަދުވެގެން 2 އިންސައްތަ ދަރިވަރުން ރާއްޖެއަށް މަތީ ތައުލީމު ހާސިލު ކުރަން އަންނަ ގޮތް ހެދުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިކަމަށް މަގުފަހި ކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ދަނާލް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުނި އެވެ.
ތަމްރީނު ދޭ މަރުކަޒުތައް ގާއިމުކުރާއިރު، އެ މަރުކަޒުތަކުން ބޭރުމީހުންނަށްވެސް ތަމްރީން ވެވޭ ގޮތް ހަދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އެއާއި އެކުއެކީގައި، އިންޓަރނޭޝަނަލް ސްޓޫޑެންޓް ވިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން އިތުރަށް ބުނެފައިވެއެވެ.
“އަމާޒަކީ މަތީ ތަޢުލީމް ހާސިލްކުރާ އާބާދީގެ މަދުވެގެން 2 އިންސައްތަ ދަރިވަރުންނަކީ އެހެން ޤައުމުތަކުން ރާއްޖެއަށް މަތީ ތަޢުލީމް ހާސިލް ކުރުމަށް އަންނަ ދަރިވަރުންނަށް ހެދުން”
ރާއްޖޭގައި އެސައިންމެންޓްތައް ހަދައިގެން ނަހަމަ ގޮތުގައި އާމްދަނީ ހޯދާ ފަރާތްތަކާއި ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން މިނިސްޓްރީން ބުނީ އެފަދަ ފާރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ދެނެގަތުމުގެ މަސައްކަތުގެ ތެރެއިން 3 މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރަށްވެސް، ވޯލްޑް ބޭންކްގެ އެހީގައި އަމިއްލަ ފަރާތްތަކާއި ގުޅިގެން ޖޮބް ސެންޓަރަށް ހާއްސަ ދިރާސާއެއް މިއަހަރު ތެރޭގައި ނިންމާލުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޖޮބް ސެންޓަރުގެ ޒަރީޔާއިން ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ އިތުރަށް ހުނަރުތައް ދަސްކޮށްދިނުމަށްވެސް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.