ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 77 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި ފަށައިފި އެވެ.
މިބައްދަލުވުމުގައި މިނިސްޓާ އޮފް ހެލްތު ޑރ. އަބްދުﷲ ހަލީލް އަދި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ މެމްބަރު 194 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.
މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރު އޮފް ހެލްތު ޑރ. އަބްދުالله ހަލީލް އެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ އިސްބޭފުޅުންނާއި މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަހަރުގެ ޝިއާރު ކަމުގައިވާ “އޯލް ފޯ ހެލްތް، ހެލްތް ފޯ އޯލް”އަށް ހާއްސަކޮށް ތަގްރީރެއް ދެއްވާނެ އެވެ. އަދި މިއަހަރުގެ ވޯލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ސިއްހީ ދާއިރާއިން މިހާރު ފާހަގަކުރެވޭ ތަފާތު މައުޟޫތައް މަޝްވާރާކުރެވޭނެ އެވެ. މިގޮތުން ޔުނިވާސަލް ހެލްތު ކަވަރޭޖް، އިންފެކްޝަސް ޑިޒީޒް ޕްރިވެންޝަން، މައިންނާއި ކުޑަކުދިންގެ ސިއްހަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތައް މަޝްވަރާ ކުރެވޭނެ އެވެ. މީގެ އިތުރުން އިމަޖެންސީ ޕްރިޕެއާޑްނަސް އެންޑް ރެސްޕޮންސް، ސަސްޓެއިނަބްލް ފައިނޭންސިން އާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެ އެވެ.
ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް، ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓާ އަދި އޭޝިއާ އީހެލްތު އިންފޮމޭޝަން ނެޓުވާކް އާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.