ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް 164 ފަރާތަކުން ފުރިހަމަކޮށްފިއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިމުގެ ރަސްމިއްޔާތު ރޭ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ވަނީ ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.
އެ އަސާސީ ތަމްރީނު ކޯހުގައި 198 ފުލުހުން ބައިވެރިވެ 164 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ އިދާރާއިން ބުނީ އެ ރަސްމިއްޔާތު ފެށިގެންގޮސްފައިވަނީ ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރެއްވި އަދި 36 ވަނަ، ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގައި ވެސް ކިޔަވައިދެއްވި ރިޓަޔާޑް އަލްމަރްހޫމް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޒިޔާދުގެ ހަނދާނުގައި ގެނައި ހަމަހިމޭންކަމުގެ ސުކޫތަކަށްފަހު ކަމަށެވެ.
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި މި އަހަރުގެ ޖަނަވަރީ 24 އިން މެއި 23 އަށް ކުރިއަށް ގެންދިޔަ 36 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ސަރޖަންޓް އަހްމަދު ނިހާދު ކަމަށް ފުލުހުން ބުނެއެވެ. ކޮމިޝަނާ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު އެ ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
ކޯހުން ދެވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް އާލިމް މުޙައްމަދު ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުއީން މުހައްމަދު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އަމްހަރު އާރިފް ކަމަށެވެ. ދެވަނަ ދަރިވަރަކަށް ޕޮލިސް ސަރޖަންޓް އަޙްމަދު ނިހާދު ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ހަސަން އަނަސް ނާފިޒެވެ.
އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ސަރޖަންޓް އަޙްމަދު ނިހާދު ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މާޝާ ރަޝީދެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އާއިޝަތު ރަވީނާއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.
އެގޮތުން، ގާނޫނާއި، ހިއުމަން ރައިޓްސް އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.