އިންޑިއާގެ ބޮޑުވަޒީރު ކަން ތިންވަނަ ދައުރަކަށް ދިފާއުކުރެއްވި ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެ، ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބޯދީގެ ބަރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ނުލިބުނު ނަމަވެސް އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކާއެކު އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އަށް ވަނީ ލޮކް ޝަބާގެ 280 އަށް ވުރެ ގިނަ ގޮނޑި ޔަގީންވެ، ސަރުކާރު އެކުލަވާލާ ވަރަށް އަގުލަބިއްޔަތު ލިބިފަ އެވެ.
މޯދީއަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދެ ގައުމުގެ ދެމެދު ހިއްސާކުރެވި، އެއްބަސްވެފައިވާ ލަނޑުދަނޑިތަކާއި ހަމަޖެހުމާއި ދެ ގައުމުގެ ވެސް މަސްލަހަތުތައް ކުރިއެރުވުމަށް ޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ
"އަޅުގަނޑު ކުރިއަށް މި އޮތް ތަނުގައި ވެސް ތައްޔާރަށް މި ހުރީ، ދެ ގައުމުގެ ދެމެދުގައި ހިއްސާކުރެވިފައިވާ ލަނޑުދަނޑިތަކާއި، ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށް ޓަކައި، ހަމަޖެހުން ގާއިމުވެ އޮތުމަށް، ގުޅިގެން މަސައްކަތް ކުރުމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަގުހުރި އަދި އަވަށްޓެރި ގައުމެއް ކަމަށެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާން ބޭނުންވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
އިންޑިއާ އަކީ ޒަމާނުއްސުރެން ރާއްޖެއާ އެންމެ ގާތް ސިޔާސީ ގުުޅުން ބާއްވާ ގައުމެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި، އެ ރައީސެއްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ ވެސް އިންޑިއާއަށެވެ. ނަމަވެސް ރައީސް މުއިއްޒު ވަޑައިގަތީ ޗައިނާއަށެވެ. އިންޑިއާއަށް އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދަތުރުފުޅެއް ނުކުރައްވަ އެވެ.