ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ ހިންގުން ހަރުދަނާކޮށް، މުއައްސަސާއެއްގެ ގޮތުގައި 'އިންސްޓިޓިއުޝަނަލައިޒް' ކުރުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް އެ ޕާޓީން ފަށައިފި އެވެ.
މިކަން ހާމަކުރީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ.
އެ ބައްދަލުވުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމުގެ ގޮތުން އެންމެ މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެ ޕާޓީ އިންސްޓިޓިއުޝަނަލައިޒް ކުރުމުގެ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ރޭގައި ހިއްސާކުރެވުނު ކަމަށެވެ.
ފައްޔާޒް ވަނީ، އެ ބަޔާނުގައި ބުނެފައިވާ ގޮތުން ނިމިގެންދިޔަ ރިޔާސީ އިންތިހާބާއި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް ނާކާމިޔާބުވި ސަބަބުތައް ހޯދައި, ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނާއި ހިއްސާކޮށްފަ އެވެ.
އެގޮތުން, ކޮމިޓީގެ ފަރާތުން ޕާޓީގެ އެކިއެކި ފަރާތްތަކާ އިންޓަވިއުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ އާންމުކޮށް ހުޅުވާލާފައިވާކަން ފާހަގަކުރި ކަމަށެވެ. އަދި އެކި ރަށްރަށަށް ޒިޔާރަތްކޮށް މެމްބަރުންގެ ހިޔާލު ވެސް އެ ކޮމިޓީން ހޯދުމަށް ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރޭގެ ބައްދަަލުވުމުގައި ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަންވެސް ކުރެއްވި ފައްޔާޒް ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށްވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އަދި އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަން އޭނާ ހާމަކުރެއްވި އެވެ.
"މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ޗެއާޕާސަން ގައުމީ މަޖިލީހުގައި އެދިވަޑައިގެންނެވި އެވެ. އަދި, އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ޗެއާޕާރސަން ވިދާޅުވިއެވެ." އެމްޑީޕީގެ ބަޔާނުގަައި ބުނެފައި ވެއެވެ.