ގަވާއިދާ ހިލާފަށް ކޯސްތައް ހިންގާތީ ކްލިކް ކޮލެޖާއި އެވިޑް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ފިޔަވަޅު އަޅައިފި އެވެ.
މި ދެ ކޮލެޖަށް ފިޔަވަޅު އަޅާފައި މިވަނީ އެމްކިއުއޭއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ޝަކުވާތައް ބެލުމަށް ފަހު ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުންނެވެ. ކޮލެޖްތަކަށް އެޅި ފިޔަވަޅުތަކުގެ ތަފުސީލު އާދީއްތަ ދުވަހު އެވެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވެ އެވެ.
އެވިޑް ކޮލެޖުން ލެކްޗަރަރ އިންނަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ، ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް ބައެއް ލެކްޗަރައިން މާކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހިފައިވާކަން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ފާހަގަކޮށްފައިވެ އެވެ.
މިކަންކަމާއި ގުޅިގެން އެވިޑް ކޮލެޖަށް ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ހިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުމާއި އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫނުކުރުމާއި އެ ޕްރޮގްރާމެއް ހިންގަނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫންކަމާއި، ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ހިލާފަށްކަން އާންމުކޮށް އިއުލާނުކުރުން ހިމެނެ އެވެ. އެ ކޮލެޖުން ހިންގާ އީ-ލަނިންގ މޮޑަލިޓީގެ ދަށުން ހުއްދަދެވިފައިވާ އެއްވެސް ޕްރޮގްރާމެއް އިތުރަށް އިސްތިހާރުކޮށް ހިންގޭނީ އަލުން 'ފުލީ އެކްރެޑިޓޭޝަން ސްޓޭޓަސް' އަށް އީ-ލަނިންގ މޮޑަލިޓީގައި ހިންގުމަށް ހުއްދަ ދެވިގެން ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.
ކްލިކް ކޮލެޖަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން އެއްވެސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިނުވާއިރު އޮންލައިންކޮށް ކޯސްތައް ހިންގަމުން ދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެމްކިއުއޭއިން ބުނެ އެވެ.
އެމްކިއުއޭއިން ވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅުކުރަން ކްލިކް ކޮލެޖަށް އަންގައިފަ އެވެ. އަދި އެކްރެޑިޓު ނުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމެއް ހިންގާ މަރުކަޒެއްގެ ގޮތަށް 10،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. މީގެ އިތުރުން އެ ޕްރޮގްރާމްތައް ހުއްޓުމަށް އަންގާ، ސަނަދު ދިނުމުގެ ހުއްދަ ދޫނުކުރުމަށް ވަނީ ނިންމައިފަ އެވެ.
އެކްރެޑިޓޭޝަން ހުއްދަ އާއި ނުލާ ހިންގާފައިވާ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންވާނީ އެ ކޮލެޖުތަކުން ކަމަށް އެމްކިއުއޭއިން ބުނެ އެވެ.