އްޖެއިން ބަންގްލަދޭޝްއަށް 81,000 ޑޮލަރު ގެންދަން އުޅުނު މީހާގެ މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފިއެވެ. އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝަހުމިން އިސްލާމް ޝަގުރު (32އ) އެވެ.
މި ފައިސާ ފޮރުވައިގެން ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ބަންގްލަދޭޝް މީހާގެ މައްޗަށް މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދު 15 ދުވަހަށް އިތުރުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙްޤީޤުކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ދެ ދުވަސް ކުރިންނެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިފައިސާ ފެނުނީ ޔޫއެސް ބަންގްލާ އެއަރލައިންސްގެ މާލެއިން ޑާކާއަށް ދަތުރުކުރާ ފްލައިޓަކަށް އަރަން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުންނެވެ.
އޭވިއޭޝަން ސެކިއުރިޓީގެ ސްކްރީނިންގ ޓީމުން ހޯދާފައިވަނީ ޖުމްލަ 81,030 ޑޮލަރެވެ. މި ފައިސާ ގެންދަން އުޅެފައިވަނީ ގަވާއިދާ ޚިލާފަށެވެ. އޭވިއޭޝަން ސެކިއުރިޓީން ބުނެފައިވަނީ މި ފަސިންޖަރު ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށްފައިވާ ކަމަށެވެ.
އޭވިއޭޝަން ސެކިއުރިޓީން ޢާންމުކޮށްފައިވާ ވީޑިއޯއެއްގައި ދައްކާ ގޮތުން، ފައިސާ ފެނިފައިވަނީ ޕެކްކޮށްފައި ހުރި ކަޅު ކޮތަޅެއްގެ ތެރެއިންނެވެ. ބެލެވޭ ގޮތުގައި މި ކޮތަޅު ފޮރުވާފައި ހުރީ ކޯންފްލޭކްސް ފޮށްޓެއްގެ ތެރޭގައެވެ. ވީޑިއޯގައި ފެންނަނީ ޑޮލަރު ބޮޑިތަކެއް ހުރި މަންޒަރެވެ.