މިދިޔަ ހޮނިހިރު ދުވަހު ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދު ސަރަހައްދުގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާ ގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ނިންމައިފި އެވެ.
ދެ ދުވަސް ވަންދެން އެކުއްޖާ ގެންގުޅުނީ ރަހީނުކޮށްގެންނެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ. މިއީ އެކުއްޖާ ގެއްލިގެން އާއިލާއިން ރިޕޯޓު ކުރި ފުރަތަމަ ފަހަރު ނޫންކަންވެސް ވަނީ އެނގިފަ އެވެ.
"ހަމައެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލާފައިވަނީ ގދ. މަޑަވެއްޔަށް ނިސްބަތްވާ ރާއިފް ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ. އެކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުންނަށް ވަދެވޭނޭހެން ހުޅުވާލާފައި އޮންނަ ސަރަހައްދުގެ މޫދުން ކަރުތާފެނާ ހިސާބުންނެވެ. އެކުއްޖާގެ ހަށިގަނޑު އޮތީ ފޮއްޓަކަށް ލައި ބަންދުކޮށްފައި ކަމަށްވެސް ވަނީ އެނގިފަ އެވެ.
ކުއްޖާގެ މަރާއި ގުޅިގެން ޕޯސްޓު މޯޓަމް ހެދުމަށް ފުލުހުން ނިންމާފައިރު މައުލޫމާތު ލިބޭ ގޮތުގައި އެކުއްޖާގެ ހަށިގަނޑުން ވަނީ އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތަކެއް ފެނިފަ އެވެ. އެގޮތުން ކަރުގައި އެއްޗެއް ބައްދައި ބާރުކޮށްފައިވާ ނިޝާން ފެންނަން ހުއްޓެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. މި ދެމީންނާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
"ހަމައެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދަންވަރު 3 ޖަހާކަށްހާއިރު ހައްޔަރު ކުރި ދެ މީހުންނަކީ ދެ އެކުވެރިންނެވެ. އަދި މަރާލި ކުއްޖާއާވެސް އެ ދެ މީހުން ރައްޓެހިކަމަށް ވެއެވެ.
ދެ މީހުން ހައްޔަރު ކުރީ ހެންވޭރުގައި ހުންނަ ގެސްޓު ހައުސްއެއްގައި ތިއްބައިކަމަށް ވަނީ އެނގިފަ އެވެ. އަދި އެމީހުން އެތަނަށް ދިޔަކަމަށް ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ރާއިފް ގެއިން ނިކުމެގެން ދިޔައީ ހޮނިހިރު ދުވަހުކަމަށް ވަނީ އެނގިފަ އެވެ. އަދި އާއިލާއިން ފުލުހުންނަށް އެންގީ އާދިއްތަ ދުވަހު އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މަރާލާފައި އޮތް ރާއިފްގެ ހަށިގަނޑު ހޯދީ ހައްޔަރު ކުރި ދެމީހުން ފުލުހުން ހޯދުމަށްފަހު އެވެ. އެދެމީހުން ހޯދަން ގެސްޓު ހައުސްއަށް ފުލުހުން ދިޔަކަމަށް ބެލެވެނީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އެހެންނަމަވެސް ހައްޔަރުކޮށްގެން ގެންދިޔައީ ދަންވަރު އެވެ.