އިންޑިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ދައުވަތު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.
ރައީސް މިގޮތަށް ވިދާޅުވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަގްރީރު ކުރައްވަމުންނެވެ. މި ފޯރަމްގައި ރައީސް ކުރެއްވި ތަގުރީރުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ.
ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އިންޑިއާ އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވަމުން ރައީސް ވަނީ، އަމިއްލަ ވިޔަފާރީގެ ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ މުހިއްންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
މި ތަގުރީރުގައި ރައީސް ވަނީ، އިގްތިސާދީ އިސްލާހާށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އެޖެންޑާވެސް ހާމަކުރައްވާފައެވެ. އެ އެޖެންޑާގެ އަމާޒުތަކަކީ، ފަތުރުވެރިކަމުގެ އިތުރުން، މާލީ ޚިދުމަތްތަކާއި، މެރިޓައިމް ސިނާޢަތާއި، ޑިޖިޓަލް އިޤްތިޞާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިގްތިސާދު ސިންދަފާތުކުރުމެވެ. ރާއްޖޭގެ މަދަނިއްޔަތަށް އެދެވޭ ބަދަލެއް ގެނައުމުގެ މަގްސަދުގައި ތަރައްގީކުރާ އިކޯ ސިޓީ، ރަސްމާލެއަކީވެސް މި އެޖެންޑާގައި ހިމަނޭ މަސައްކަތެކެވެ.
މި ތަގުރީރުގައި ރައީސް ވަނީ، މިހާރު ފައްޓަވާފައިވާ އިގްތިސާދީ އިސްލާޙީ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި އާ ފޮރިން އިންވެސްޓްމަންޓް ގާނޫނާއި، 2025 ވަނަ އަހަރު އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ހިމެނެއެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
2030 ވަނަ އަހަރު އަންނަން ވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގްތިސާދުން ކަމުގައި ހެއްދެވުމަށްޓަކައި، ޑިޖިޓަލް ދާއިރާ ކުރިއަރައިދިއުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި "ރުޕޭ" ކާޑު ބޭނުންކުރެވެން ފެށުމާއެކު، އިންޑިއާ އާއި ރާއްޖެއާ ދެމެދު މާލީ މުއާމަލާތްތައް ކުރުން އިތުރަށް ލުއިފަސޭހަ ވެގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތައަށް ހެދުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.