ސައިބާ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްދެއްވާ ދެއްވި ބަސްދީގަތުމެއްގައި ސީޕީ ވިދާޅުވީ ސައިބާ ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުކުރެވެމުން ކަމަށެވެ.
އަދި އަމާޒަކީ އެންމެނަށް ރައްކާތެރި ސައިބާ މާހައުލެއް ކަށަވަރުކުރުން ކަމަށާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ގާއިމްކޮށް ސްޓްރެޓެޖީތައް ތަންފީޒުކޮށް ރާއްޖެއަކީ ޑިޖިޓަލް މުއާމަލާތްތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ސީޕީ ވިދާޅުވި އެވެ.
އޮކްޓޫބަރު މަހަކީ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ.
މި މަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ސައިބާ ކުށްތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަން ރައްޔިތުންނަށް ބުނެދިނުމާއި މި ފިޔަވަޅުތައް އެޅުމަށް މުޖުތަމަޢުގެ ގިނަ ބަޔަކު ހޭލުންތެރިކުރުވާ އެކަމަށް ބާރު އެޅުން ކަމަށް ސީޕީ ވިދާޅުވި އެވެ.
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުގެ ނުރައްކާ މިހާރު އޮތް މިންވަރާ މެދު ކަންބޮޑުވާންޖެހޭކަން ފާހަގަކުރައްވާ ސީޕީ ވަނީ ސްކޭމްގެ އެކި ހަމަލާތަކުގެ ޝިކާރައަކަށްވާ މީހުން ގިނަ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގޭ ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ގިނަ މައުލޫމާތު ފުލުހުންގެ ސައިބާ ކުށްތައް ތަހުގީގުކުރާ ބަހާގަ އަލަށް އުފެދިގެންދާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފަ އެވެ.
މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ސައިބާ ކުށްތައް ހިނގާ މާހައުލުގައި ހަރަކާތްތެރިވާ އަދި ޑިޖިޓަލް ޕްލެޓް ފޯމްތައް ބޭނުންކުރާ ފަރާތްތަކަށް ހޭލުންތެރިކަމުގެ މައުލޫމާތު ލިބިގެންދިޔުންކަން ސީޕީ ފާހަގަކުރެއްވި އެވެ.