ކެމިކަލް ރައްކާކުރުމުގައި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން، ސިފައިން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ހިރާސް ފާސް 2024″ ގައި ޖުމްލަ 206 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން މަޢުލޫމާތުދީފިއެވެ.
މާލެ ސިޓީ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ފުލުހުންނާ ގުޅިގެން ސިފައިން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން އިއްޔެ ނިންމާލާފައިވެއެވެ. މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 15 ދުވަހަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ކެމިކަލް ގުދަންކުރާ އެތައް ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ސިފައިން ބުނެފައިވެއެވެ.
މި އޮޕަރޭޝަންގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ބައިވެރިވިއެވެ.
ސިފައިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އޮޕަރޭޝަން ހިރާސް ފާސްގެ ދަށުން 15 ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ 399 ތަނަކާއި، 144 ކެމިކަލް ގުދަނާއި އަދި ކެމިކަލް ވިއްކާ 62 ފިހާރައެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގެ ސަބަބުން ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަނެވިފައިވާކަމަށް ސިފައިން ބުނެފައިވެއެވެ.