ބޭރު ފައިސާގެ ޤަވާއިދަށް ދާދި ފަހުން ގެނައި ބަދަލުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އޭނަ ވިދާޅުވީ މިފަދަ ކޮންމެހެން ގެންނަން ވެސް ޖެހިފައި އޮތް ބަދަލެއް ކަމަށެވެ. މުނައްވަރު ވިދާޅުވީ، ރާއްޖެ އަށް އަހަރަކު 4.5 ބިލިޔަން ޑޮލަރު ވަންނައިރު ޓެކްސް އާއި އެހެނިހެން ގޮތްގޮތުން މަރުކަޒީ ބޭންކާ ހަމައަށް އަންނަނީ އޭގެ ތެރެއިން އެންމެ 23 ޕަސެންޓް ކަމަށެވެ.
އެހެންވެ ގައުމަށް ވަންނަ ޑޮލަރުގެ ތެރެއިން ނިޒާމުގެ ތެރެއަށް ނުވަދެ "ނުރަސްމީ ބާޒާރަށް" ދޫވާ އަދަދު މަދުކުރެއްވިއްޖެ ނަމަ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ޤަވާއިދަށް ބަދަލުގެނައި އެއް ބޭނުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ރާއްޖޭގެ ބޭންކުތަކުގައި ޓޫރިޒަމް ސިނާޢާތުގެ ޑިމާންޑާ އެއްވަރަށް ބޭރު ފައިސާ ދޫކުރެވޭނެ ބާރެއް ނެތް ކަމަށެވެ. އެހެންވެ ކަމުން ބޭރުގެ ބޭންކުތަކުން ފައިސާ ހޯދައިގެން އެ މަސައްކަތް ކުރަން މަޖްބޫރުވެފައިވާ ކަަމަށް ވިދާޅުވިއެވެ.
"ބޭރު ބޭންކުތަކުން ލޯން ނަގައިގެން ގިނަ ރިސޯޓުތައް ތަރައްގީކޮށްފައި މިހެން މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ޑޮމެސްޓިކް ބޭންކިން އިންޑަސްޓްރީއަށް މީގެން ފައިދާ ނުވާ ސަބަބަކީ ރާއްޖޭގައި ނެތް އެ އެސެޓެއް ކްރިއޭޓްކުރެވިފައި،" ގަވަރުނަރު ވިދާޅުވި އެވެ. "އެއާ އެއް ލެވެލްގެ އެސެޓެއް ކްރިއޭޓް ނުވީމަ އެ ހުރިހާ ފައިސާއެއް ވެސް ދާން މި ޖެހެނީ ބޭރަށް. ދެން ސުވާލަކީ މިހާ ނާޒުކުކޮށް އަޅުގަނޑުމެންގެ ބޭންކިން އިންޑަސްޓްރީ ދުކޮށްލަންވީ ތޯ؟"
މުނައްވަރު ވިދާޅުވީ ރާއްޖެއަށް އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ވަންނަ އިރު ރާއްޖޭގެ ބޭންކިން އިންޑަސްޓްރީ އަށް ޖަމާކުރެވެނީ ގާތްގަނޑަކަށް 2 ބިލިޔަން ޑޮލަރު ކަމަށެވެ. އެހެންވެ މިހާރު ފައިސާގެ މުއާމަލާތްތަކަށް ގެނައި ބަދަލާ އެކީ ބޭންކަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، ބޭންކިން ނިޒާމު ކުރިއަރާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލު ކުރަނީ އަޅުގަނޑުމެންގެ ބޭންކިން ނިޒާމެއް މިގޮތަށް ކުރިއަށް ނާރާނެއޭ. ކޮންމެވެސް ވަރަކަށް މާރުވާން އެބަޖެހޭ. އޭރުން އަޅުގަނޑުމެން މިކިޔާ ބޭންކިން މަލްޓިޕްލަޔާ ނުވަތަ މަނީ މަލްޓިޕްލަޔަރ އަންނާނީ،" މުނައްވަރު ވިދާޅުވި އެވެ. "ސާލަކަށް ފަސްސަތޭކަ ޑޮލަރު ބޭންކަށް މާރުކުރީމަ އެތަނުގައި ހުންނަނީއެއް ނޫން. އެ ދައުރުވާނީ. ބޭންކިން އިންޑަސްޓްރީ ވެސް ކުރިއަރައި ގެންދާނީ މި ގޮތަށް."
ބޭރު ފައިސާގެ ޤަވާއިދަށް ގެނައި ބަދަލާ ގުޅިގެން ޓުއަރިޒަމް ދާއިރާ އިން އާމްދަނީ ލިބޭ މީރާގައި ރެޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތެއްވެސް ލިބޭ އާމްދަނީ ބޭންކަށް ޖަމަޢުކުރަން ލާޒިމްވެއެވެ. އަދި ގްރީން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކާއި ސާފާރީ އުޅަނދުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު ބޭންކަށް މާރު ކުރަން ޖެހެ އެވެ. އަދި ހައުސްތަކުން މާރު ކުރަން ޖެހެނީ 25 ޑޮލަރެވެ.