އައްޑޫސިޓީ ސެންޓްރަލް ޕަވާ ޕްލާންޓްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލަ އަދިވެސް ތަކުރާރުވާތީ އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ކޮން ދުވަހަކުންތޯ ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، އައްޑޫސިޓީގެ ސެންޓްރަލް ޕަވަހައުސްގައި މިހާރު އެވޭލަބަލް ކެޕޭސިޓީއަކީ 12.1 މެގަވޮޓް ކަމަށާއި ޑިމާންޑްގައި ހުރީ 11.2 މެގަވޮޓްގައި ކަމަށެވެ. އައްޑުއަށް މިވަގުތުވެސް ކަރަންޓު ދިނުމަށް 13 ޖަނަރޭޓަރު ބޭނުން ކުރެވޭ ކަމަށާއި މީގެތެރެއިން 2 ޖެނަރޭޓަރު އޯވަހޯލް ކުރުމަށް ޕްރޮކިއުމަންޓް މަަސައްކަތް ކުރިއަށްދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި 1.2 މެގަވޮޓްގެ ޖަނަރޭތަރެއް ގަތުމަށް ފެނަކައަށް ބީލަން ބަލައިގަތުން މިއަދު އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން 32 މެގަވޮޓްގެ ގެ ސެންޓްރަލް ޕަވަސްޓޭޝަންގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމޭތޯ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ތާރިގް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން މި މަސައްކަތް ކޮށްފައިވަނީ ޕްލޭން ނުކޮށް ކަމަށާއި މިސަރުކާރުން ޕްލޭން ކޮށްގެން ކުރެވުނު މަސައްކަތުން އެ ޕްރޮޖެކްޓް ބަޔަކާ ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާތީ ފައިނޭންސްގެ ކަންކަން ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ތާރިގް ވިދާޅުވީ އައްޑޫގެ ހުރިހާ ރަށެއްގައިވެސް ސޯލާ ޖެހުމުގެ މަސައްކަތް މިހާރު ކުރެވޭ ކަމަށާއި އެކަން ކުރެވުމުން ކަރަންޓު ކެނޑުމުގެ ކަންކަމަށް އިތުރު ހައްލެއް ލިބޭނެ ކަމަށެވެ.
އައްޑުއަށް ބޭނުންވާ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިސަރުކާރުން ހަވާލު ކޮށްފައިވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ އެވެ.