ކޮވިޑް-19 ދިފާއު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއި ދިނުމަށް މަޝްވަރާ ކުރަމުން ގެންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ހާލަތާއި ގުޅިގެން ދޭން ޖެހޭ ލުއިތަކާއިމެދު މަޝްވަރާ ކުރެވޭކަމަށް ވިދާޅުވި އެވެ.
ކޮވިޑް ކޭސްތައް މުޅި ރާއްޖޭގައި އިންތިހާއަށް އިތުރުވެ ހާއްސަކޮށް މާލޭގައި ބަލި ކޮންޓްރޯލުން ނެއްޓުމަށްފަހު މިހާރު އަނެއްކާވެސް ވަނީ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން މާލެއިން މިހާރު ދުވާލަކަށް ޕޮޒިޓިވް ވަނީ ދުވާލަކަށް 100 އިން ދަށުގެ އަދަދަކަށެވެ.
ކުރިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިދިޔަ ހަފްތާގައި ލުއިތަކެއް ދިނެވެ. މިއަދުވެސް ވަނީ އިތުރު ލުއިތަކެއް ދީފަ އެވެ. މަބުރޫކު ވިދާޅުވީ ނަމްބަރުތައް އިތުރު ނުވާނަމަ އަންނަ ހަފްތާވެސް ފިޔަވަޅުތަކަށް ލުއި ލިބޭނެ ކަމަށެވެ.
މަބުރޫކު ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަަމ ކޮށްފައިވާ ފަރާތްތަކަށާއި ބަލި ޖެހުމަށްފަހު ބަލިން ރަނގަޅުވެފައިވާ މީހުންނަށްވެސް ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ބަލައި ލުއި ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށެވެ.
ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދެ ހަފްތާ ވެފައިވާ މީހުންނަށް ލުއި ލިބޭ ނަމަ، އެހެން މީހުން ވެކްސިން ޖެހުމަށް ވެސް ބާރުވެރި ކުރެވޭނެކަމަށް މަބުރޫކު ވިދާޅުވި އެވެ. އެގޮތަށް ލުއި ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަމަށާއި ކުރިއަށް ހަފްތާތަކުގައި ލުއިތަކެއް ދޭނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ލުއި ދިންނަމަވެސް ހާއްސަ ކަންތައްތަކަކަށް ބަލާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ. އެގޮތުން ހައި ރިސްކް މީހުންގެ މެދުގައި ވެކްސިން ޖަހާފައިވާ މިންވަރާއި ދަތުރުކުރާ ތަނެއްގައި ބަލި އޮތް މިންވަރަށް ބަލާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ކުރިންވެސް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ހާއްސަ ލުއިތަކެއް ދިނެވެ. އެގޮތުން ރަށްރަށަށް ދަތުރު ކުރުމުގައި ކަރަންޓީނު ވާން ނުޖެހުން ފަދަ ކަންކަން އޭރު ކަނޑައެޅި އެވެ. އެ ލުއިތައް ސަސްޕެންޑު ކުރީ ރާއްޖޭގައި ގޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެންނެވެ.