ކުންފުނި މެދުވެރިކޮށް ހިންގާ ގަވާއިދާ ހިލާފު ހަރަކާތްތަކަށް ހޯކްސް އިން އަބަދުވެސް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށާއި، ކޮންޓްރޯލްތައް އިތުރުކޮށް އަދި އެތަނުގެ ވަސީލަތްތައް ނަހަމަ ގޮތުގާ ބޭނުން ނުކުރެވޭނެކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ރާއްޖެ އަށް އެންމެ ފުޅާކޮށް ތެޔޮ އެތެރެކުރާ ދި ހޯކްސް ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
ހޯކްސް އިން ނެރުނު ބަޔާނުގައި ވަނީ އެ ކުންފުންނީގެ އުޅަނދުތަކުގައި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރުމުގެ މަސައްކަތްކުރުމުގެ ސަބަބުން ފުލުހުން އެތަނަށް ގޮސް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަނދުތައް ބަލާ ފާސްކުރިއިރު ފުލުހުން އަތުގައި ކޯޓުއަމުރެއް ނެތްކަމަށްވެސް ހޯކްސްގެ ބަޔާނުގައިވެ އެވެ.
އަޅުގަނޑުމެންގެ އުޅަނދުތައް ބޭނުންކޮށްގެން ރާއްޖެއަަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް އެތެރެކުރާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދުތައް ބަލާ ފާސްކޮށްފަ. އުޅަނދުތައް ބަލާފާސްކޮށްފައިވަނީ ބަލައިފާސްކުރުމުގެ އަމުރެއް ނުވަތަ ކޯޓު އަމުރެއް ނެތި
ހޯކްސްއިން ނެރުނު ބަޔާނުގައި ވެ އެވެ.
މީގެއިތުރުން މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ބޭނުންވާ އެއްބާރުލުން ހޯކްސްގެ މެނޭޖްމެންޓުން ދީފައިވާނެ ކަމަށާއި، ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވި މީހުން ދެނެގަނެ ހައްޔަރުކުުރުމަށް މަގުފަހި ކޮށްދޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
މިކަމާ ގުޅިގެން ހޯކްސްގެ 14 މުވައްޒަފަކު ސަސްޕެންޑްކުރެވިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
އެ މައްސަލާގައި ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން ގިނަ އަދަދަކަށް ސިނގިރޭޓް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ހުކުރު ދުވަހުގެ ރޭ ރޭ ލިބުމާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށެވެ. އަދި ސިނގިރޭޓުތައް ތިލަފުއްޓަށް ގެންގޮސް އުފުލީ ހޯކްސްގެ އުޅަނދެއްގައި ކަމަށާއި މުދާ ބޭލީ ވެސް އެ ކުންފުނީގެ ގުދަނަކަށް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސް އިން ބުނީ މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވާތީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހޯކްސް އިން ބުނީ ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަަށާއި ސިނގިރޭޓު ނުވަތަ ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކުމުގެ ޝައުގުވެރިކަން އެކުންފުނީގައި ނެތް ކަމަށެވެ.