ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ މަސައްކަތް މިއަދު ކުރިއަށްގެންދާއިރު، މަޖިލިސް ކުރާ ގެ ކައިރިއަށް ވެރިކަން ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް އެއްވެއްޖެ އެވެ.
މަޖިލިސް ކައިރިއަށް އެއްވެފައި ތިބި ޕީއެންސީގެ މެންބަރުން ގޮވަމުންދަނީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސް ކުރުމަށެވެ. އެމްޑީޕީގެ ސަޕޯޓަރުން ގޮވަމުންދަނީ އިސްލާހުތައް ބޭރުކޮށްލުމަށެވެ.
އެ ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އެއް އިސްލާހަކީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ގެނައުމެވެ.
ބިއުލުގައިވާ އެންމެ މުހިންމު އިސްލާހަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ދެ ހާލަތު އިތުރުކޮށްފައިވުމެވެ. އެ ދެ ހާލަތަކީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމާއި ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމެވެ.
އަދި އެ ބިލްގައި ވަނީ ރައީސް އިތުރު ބާރުތަކެއް ދިނުމަށް ވެސް ހުށަހަޅާފައެވެ. އެގޮތުން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން ރައީސްއަށް ލިބިދޭ ގޮތަށްވެއެވެ.
އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށާއި އަސްކަރީ ނޫން ހަރަކާތްތަކާއި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ ކަމަށް ވެސް ބިލްގައި ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.