ދެމެހެއްޓެނިވި ގޮތުގައި ކަނޑު ބޭނުން ކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ޗައިނާގައި މިހާރު ކުރިއަށްދާ "ޗައިނާ–އިންޑިއަން އޯޝަން ރީޖަން ފޯރަމް" ގެ ތީމަޓިކް ޑިސްކަޝަން އޮން "ދަ އޯޝަން ޑިކޭޑު އޮފް ޔުނައިޑަޓު ނޭޝަންސް އިން ދަ ކޮންޓެކްސް އޮޮފް ގްލޯބަލް ޑިވެލޮޕްމަންޓު އިނިޝިއޭޓިވްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވިދާޅުވީ ދިވެހިންނާއި ކަނޑުތަކާއި އޮންނަ ގުޅުމަކީ ވަރަށް ބޮޑު ގުޅުމެއް ކަމަށާއި ކަނޑުތަކަކީ ހަމައެކަނި ވަސީލަތްތަކަށް ވުރެ މާ ބޮޑު އެއްޗެއް ކަމަށެެވެ. އަދި ކަނޑުތަކަކީ ދިވެހިންގެ މުޅި ދިރިއުޅުމާ ގުޅިފައިވާ އެއްްޗަކަށްވާ އިރު، މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ކުރީ ސަފުގައި އޮތީ މި ނާޒުކު ކަނޑުތައް ކަމަށް ވިދާޅުވި އެވެ.
އޯޝަން ޑެކޭޑްގެ ޝިއާރަކީ 'ދުނިޔޭގެ ކަނޑުތަށް ހިމާޔަތްކުރުމަށް ބޭނުންވާ ސައިންްސްގެ ކުރިއެރުންތައް' އެވެ.
އޯޝަން ޑެކޭޑަކީ ކަނޑުތަކަށް ކުރިމަތިވެފައިވާ ކުރިން ނުފެންނަ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ސައިންޓިފިކް ފަންނުވެރިކަމާއި، ސިޔާސަތުގެ މުހިއްމުކަމާއި ޖަމާޢަތުގެ ފިޔަވަޅުތައް އެއްބައިވަންތަ ކުރުމަށް މަސައްކަތްކުރަން ލިބޭ ފުރުސަަތެއް ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ސައިންސް އިން ނިންމުންތައް ނިންމުމުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި މިސްރާބަކަށް ދިޔުމަށް އިސްކަންދޭން ޖެހޭ ކަމަށެވެެ.
މި ދިހަ އަހަރުގެ ލަނޑުދަނޑިތަކާ މެދު ވިސްނާ، އޭގެ އަމާޒުތަކަށް ނަޒަރު ހިންގާއިރު، އދ. މި ދެ އޮނިގަނޑު ވެސް ބިނާވެފައިވަނީ 2030 ވަނަ އަހަރުގެ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކުރިއަށް ގެންދިއުމަށް އިންކްލޫސިވިޓީ، އިނޮވޭޝަން، އަދި އެކްޝަން އޮރިއެންޓެޑް ސްޓްރެޓެޖީތަކުގެ މައްޗަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޝިޔާމު ވިދާޅުވީ ރާއްޖެ އަށް އޯޝަން ޑެކޭޑާއި ޖީޑީއައި އިން ވެސް މަސްވެރި މުޖުތަމައުތައް ބާރުވެރިކޮށްދީ، ބަޔޯޑައިވަރސިޓީ ހިމާޔަތްކުރާ ހަމަހަމަ ކަނޑުގެ ދިރާސާ ސިޔާސަތުތަކަށް ވަކާލާތު ކުރުމުގެ ތަފާތު ފުރުސަތުތަކެއް ލިބިގެންދާ ކަމަށެވެ.
ޖީޑީއައި އިން ޤައުމުތައް ގުޅުވާލަދީ، ވަސީލަތްތައް އެއްކޮށް، އަވަސް އިންޒާރު ދިނުމުގެ ނިޒާމުތަކާއި، ކަނޑުތަކުގެ މައުލޫމާތުތައް ހޯދާ، ދެމެހެއްޓެނިވި މަސްވެރިކަމާއި އެކުއަކަލްޗަރގައި އައު އުފެއްދުންތައް ކުރިއެރުވުން ފަދަ ދާއިރާތަކުން މުހިންމު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ޝިޔާމު ވިދާޅުވީ ދުނިޔެއަށްް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި. މިކަންކަމުގައި ޤައުމުތަކުގެ ވަސީލަތްތަކާއި، ތަޖުރިބާ އާއި ހިޔާލު ހިއްސާކުރުން ވެސް މުހިއްމު ކަމަށެވެ.
ޤައުމުތައް އެކުގައި އޯޝަން ސައިންސްގެ މި ދިހަ އަހަރުގައި، ނިންމާ ނިންމުންތަކުން، މުޖުތަމަޢުތައް ބާރުވެރިކޮށް، ބަޔޯޑައިވަސިޓީ ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކޮށް ދެވިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.