ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އެ ކުންފުނީގެ ބޯޑު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޗްޑީސީއާ ގުޅޭ ތަހުގީގެއް ފުލުހުން މިހާރު ކުރިއަށް ގެންދާތީ އެ ތަހުގީގަށް ފުރިހަމައަށް ޖާގަ ދީ، އެހީތެރިވެ ދިނުމުގެ ގޮތުން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި ބޯޑު އެއްކޮށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
"އެ ތަހުގީގު ނިމި ބޯޑުން [ޕީސީބީން] ވަކި ގޮތެއް އަންގަންދެން ކުންފުނީގެ ޗެއާމަން ނާސިފު ފިޔަވައި ޑިރެކްޓަރުންގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފައި." ޕީސީބީން ބުންޏެވެ.
އެތަނުން ބުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް ޕީސީބީން ވަކި ގޮތެއް އަންގަންދެން ނުނުކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އެޗްޑީސީގެ ބޯޑަށް މިފަދަ ފިޔަވަޅެއް ޕީބީސީން މި އެޅީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު "ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލެއިން ގޯތިތައް ހަވާލުކުރުމުގައި ގާނޫނާ ހިލާފަށް ބޯޑުން އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އިއްޔެ ފުލުހުން ތަހުގީގު ކުރަން ފެށުމާ ގުޅިގެންނެވެ.
އެގޮތުން ފަޒުލްގެ ބޭބެއަކަށް ގަވާއިދާ ހިލާފަށް ގޯއްޗެއްދިން މައްސަލައެއް ފެންމަތިވެ، ފަޒުލް މަގާމުން އިސްތިއުފާ ދޭން ވެސް ގިނަ ބަޔަކު މިހާރު އަންނަނީ ގޮވައިލަމުންނެވެ.
މިކަމާ ގުޅިގެން އެމްޑީ ފަޒުލް ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވެފައި ވަނީ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޗްޑީސީގެ އެމްޑީއަކަށް ފަޒުލް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގަ އެވެ. އޭގެ ކުރިން އޭނަ ހުންނެވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މަޖިލިސް މެމްބަރުގެ މަގާމުގަ އެވެ.