ސައުވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިން ސެންޓަރުގައި އިފުތިތާހުކޮށްފި އެވެ.
މި ކޭމްޕް އިފުތިތާހު ކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެެ ކޮމާންޑިން އޮފިސަރު އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް އެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި 66 ފިރިހެން އަދި 54 އަންހެން ކެޑޭޓުން ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން، ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ކޮންމެ ކެޑޭޓަކު ވެސް ހިތްވަރާ އެކު މަަސައްކަތްކޮށް، ކޭމްޕްގައި އުނގަންނައިދޭ ޢިލްމާއި ހުނަރުގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް ވަނީ ނަޞޭޙަތްތެރިވެފަ އެވެ. އޭގެ އިތުރުން ކޮންމެ ކެޑޭޓަކު ވެސް ވާދަވެރި ރޫޙެއްގައި ކޯހުން ވަނަ ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވެސް ހިތްވަރު ދެއްވި އެވެ.
މި ކޭމްޕްގައި ކިޔަވައިދެއްވަނީ ޤައުމީ ދިފާޢީ ބާރުގެ މުދައްރިބުންނެވެ. ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ ޤައުމީ ދިފާޢީ ބާރުގެ ފަރާތުންނެވެ. މީގެ އިތުރުން ސްކޫލުތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން ތަޢުލީމީ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސާ ފަރާތަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރއެވެ. މި ކޭމްޕުގެ މުއްދަތުގައި އެމްއެންސީސީގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރިވާނެ އެވެ.
ކެޑޭޓް ކޭމްޕްގެ މަޤުޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކޮށް ދިރުވުމެވެ.
މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފު ކޮށްދިނުމާއި ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުން ހިމެނެ އެވެ.