ބިންވެރިޔާ ސްކީމާއި ގުޅޭ މައްސަލައާ ގުޅިގެން ފުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ކުރިއަށް ގެންދާ ބޮޑު ތަހުގީގާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓި އެވެ.
ފުލުހުން މިއަދު ބުނީ ބިންވެރިޔާ ހައުސިން ސްކީމާއި ގުޅުންހުރި މައްސަލައާ ގުޅިގެން، ކުރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ.
ޕާސްޕޯޓް ދޫކުރި މީހުންގެ ތަފުސީލު ހާމަނުކުރި ނަމަވެސް ފުލުހުން ބުނީ ދަތުރުކުރުން މަނާކުރުމުގެ އަމުރު ބާތިލުކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.