ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ޝުޢައިބް އިއްޔެ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވުމަށްފަހުގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޝުއައިބު އަވަހާރަވުމަކީ ދިވެހި ގައުމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު ކަމުގައި ގައުމަށް މުހިންމު ހިދުމަތްތަކެއް ކުރައްވައިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައިވެސް އެމަނިކުފާނަކީ ހާއްސަ ހިދުމަތްތެރިއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މަރުޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރު ކުރައްވާށިއެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތް މިންވަރު ކުރައްވާށިއެވެ. އާމީން،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.
ޝުއައިބަކީ ފަނޑިޔާރުކަމުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.