ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހޮވިއްޖެއެވެ.
އެ ޕާޓީގެ ފިރިހެން ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެފައިވަނީ މުހައްމަދު ވަހީދު (ވައްޑެ)އެވެ.
މި އިންތިހާބު ބޭއްވުނީ އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން މިދިޔަ އަހަރު އުފެއްދި ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސް، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް އަދި ފިރިހެން ނައިބު ރައީސް މުހައްމަދު ޝިފާޒު ޕާޓީ ދޫކޮށް އަނބުރާ އެމްޑީޕީއާ ގުޅުމާ ގުޅިގެންނެވެ. އެ ދެބޭފުޅުން ޕާޓީން ވަކިވުމާ ގުޅިގެން ހުސްވި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވީ އިމްތިޔާޒު އަދި ވަހީދު އެކަނި ކަމަށްވާތީ، މިރޭ ބޭއްވުނު ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ބައިވެރިވި 34 މެންބަރުން ވަނީ އެ ދެ މަގާމަށް އެ ދެ ބޭފުޅުން އައްޔަންކުރުމަށް ޕާޓީގެ އިލެކްޝަންސް ކޮމެޓީން ނިންމި ނިންމުން އެންޑޯޒްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޑިމޮކްރެޓްސްއިން މި ފަހުން ހަސަން ލަތީފާއި ޝިފާޒުގެ އިތުރުން، ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރެއްވި އަލީ އާޒިމާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
ޑިމޮކްރެޓްސްއަށް މިހާތަނަށް އިންތިޚާބުތަކުގައި މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.