އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ބޭއްވި ހިނގާލުމުގެ ކަވަރޭޖަށް ރާއްޖެ ޓީވީން ތައްޔާރު ކުރި ލަވައިގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފިއެވެ.
މިގޮތުން ބްރޯޑްކޮމް އިން ރާއްޖެ ޓީވީ އަށް ފޮނުވި މައްސަލަ ބަލަން ފެށިކަން އަންގައިދޭ ލިޔުމުގައި ބުނެފައިވަނީ އެ ޓީވީން 26 ޖަނަވަރީ 2025 ގައި ބްރޯޑްކާސްޓްކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ ކޮންޓެންޓްގެ މައްސަލަ އެ ކޮމިޝަނުން ބަލަން ނިންމާފައިވާ ކަމަށާއި، މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް އަންގާ ކަމަށެވެ.
އެ ލިޔުމުގައިވާ ގޮތުން އެއީ މި ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހު ބްރޯޑްކޮމް އަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ނަމަވެސް، ރާއްޖެ ޓީވީގެ ހުށަހެޅުންތެރިއެއް ކަމަށްވާ ޢާމިރު ސަލީމްގެ ޅެމަކަށް ހަދާފައިވާ މި ލަވައިގެ މައްސަލަ ބްރޯޑްކޮމް އަށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އެ ލިޔުމަކުން ނޭނގެއެވެ.