ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އިޝިގާމީ ރުމީކޯ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
ޖަޕާނުގެ އާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.
އޭގެ ފަހުން ސަފީރާ، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޑިސާސްޓާ މެނޭޖްމަންޓް އަދި އިޔާދަކުރުވަނިވި ހަކަތައިގެ ފުރުސަތުތައް އިތުރަށް ފަހިކުރުން ހިމެނެ އެވެ.
މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ. އަދި، ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ވެދެމުންދާ އެހީތެރިކަމަށް ރައީސް މުއިއްޒު ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 14، 1967 ގަ އެވެ.