ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާ ބައްދަލުކުރައްވައިފި އެވެ.
ޑރ. ޚަލީލް މިމަހުގެ 18 ވަނަ ދުވަހު ލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން އެފެއާޒް, އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އެޗް އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށެވެ.
ޑރ. ޚަލީލް، ލަންކާގެ ރައީސްއާ އެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ޚަލީލް ވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގާތްގުޅުން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމަށާއި ގުޅިގެން އިތުރަށް މަސައްކަތް ކުރެވޭނެ އާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ޑރ. ޚަލީލް ވަނީ ރާއްޖޭގެ ތަރައްގީއަށް ލަންކާ އިން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
ޑރ. ޚަލީލްގެ މިދަތުރުފުޅުގައި ވަނީ ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔައާގެ އިތުރުން ލަންކާގެ ފޮރިން މިނިސްޓަރު ހޭރަތުއާވެސް ބައްދަލުކުރައްވާފަ އެވެ.
ޚަލީލް ތިން ދުވަހަށް ކުރެއްވި މިދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ލަންކާގެ ބައެއް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.