ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް، ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމުގައި އާންމުން އިޖާބަ ދިން މިންވަަރަށް ބަލައި، ޖުމްލަ 13 ތަނަކުން މަސް ކޭސް ބެހުމަށް ނިންމާފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުން މަސްދަޅު ބެހުމަށް ހަމަޖެެއްސި ސަރަހައްދުތައް:
- މިފްކޯ އޮފީސް ކޮމްޕައުންޑް
- ހެންވޭރު އެމްޓީސީސީ ސޯމިލް
- ވެމްކޯ ސައިޓް (ވިލިމާލެ)
- އުމަރު ޒާހިރު ބިލްޑިން (ހުޅުމާލޭ ފޭސް 1)
- ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު (ފޭސް 1)
މަސް ކޭސް ބެހުމަށް ހަމަޖެހިފައިވާ ތާރީހާއި ގަޑިތައް:
- 20 ފެބްރުއަރީ - 20:30 އިން 23:00 އަށް
- 21 ފެބްރުއަރީ - ބަންދު
- 22 ފެބްރުއަރީ - 10:00 އިން 16:00 އަށް އަދި 20:30 އިން 23:00 އަށް
- 23 ފެބްރުއަރީން 27 ފެބްރުއަރީއަށް - 14:30 އިން 18:00 އަށް އަދި 20:30 އިން 23:00 އަށް
މަސްދަޅު ބެހުމަށް ހަމަޖެއްސި ތާވަލަށް ބަދަލު ގެނެސް އެ މަސައްކަތް ފެށީ ރޭ 8:30 ގަ އެވެ. އެ އާއެކު މަސް ކޭސް ދޫކުރުމަށް ނިންމި ސަރަހައްދުތަކުގައި ދިގު ކިއުތައް ދަމާލި އެވެ. މިފްކޯއިން މިއަދު ބުނެފައި ވަނީ ކިއު "ކްލެއަ" ވެ އެ ކުންފުނީގެ މުވައްޒަފުން އޮޕަރޭޝަން ނިންމާލީ ރޭ މެންދަމު 3:00 ޖެހިއިރު ކަމަށެވެ.
މާލެ ސަރަހައްދުގައި އެކަން އިންތިޒާމުކުރި ގޮތުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓަރު މިއަދު ހަވީރު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ މާދަމާ ރެއިން ފެށިގެން މާލޭގައި ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރިންނާއި ސޯޝަލް ސެންޓަރުން އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އިތުރު ދެ ތަނަކުން މަސްދަޅު ބެހުމަށް ނިންމާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުން މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެއްސި 5 ސަރަހައްދުން ޖުމްލަ 9،394 ކޭސް ރޭ ބަހާފައިވާކަން ފާހަގަކުރެއްވި އެވެ. އެއީ:
- މިފްކޯ އޮފީސް ކޮމްޕައުންޑް: 3،666 ކޭސް
- ހެންވޭރު އެމްޓީސީސީ ސޯމިލް: 2،083 ކޭސް
- ވެމްކޯ ސައިޓް (ވިލިމާލެ): 582 ކޭސް
- އުމަރު ޒާހިރު ބިލްޑިން (ހުޅުމާލޭ ފޭސް 1): 1،508 ކޭސް
- ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު (ފޭސް 1): 1،555 ކޭސް
ކޮންމެ ގޭބީސީއަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 48 ދަޅުގެ މަސް ކޭހެކެވެ. މަސްދަޅު ކޭސް ބަލައިދާއިރު ގޭބިސީގެ ކަރަންޓް މީޓަރު އެނގޭ ފަދަ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.